English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުކުރީގައި އެ ހޮސްޕިޓަލުގައެވެ.

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫެރިއްޔާގެ ނައިބު އެ ވޯޑުގެ ޚިދުމަތްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުން ފިލުއްވެވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.

މިގޮތުން އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވައި، މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް މިސަރުކާރުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު، ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ޚިދުމަތްތައް އެހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހުޅުއްވައި ދެއްވި، އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ، 8 އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ޚާއްޞަ 2 ފާޚާނާ އާއި، ނާސިންގ ސްޓޭޝަނާއި، ވެއިޓިންގ އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯރ ރޫމަކާއި، އިދާރީ އޮފީީހެއް ހުންނާނެއެވެ.