އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖޫން 16 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެ އަމުރު މުރާޖައާކޮށްދިނުމަށް ޕީޖީ އޮފީހުން އެކޯޓުގައި އެދުމުން އެކޯޓުން ވަނީ އިއްޔެ އެ އަމުރު މުރާޖައާކޮށް، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަލުން އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށްވާއިރު، އެ މައްސަލައިގެ ތަޙުޤީޤަށް 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު އެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ތަޙުޤީޤުގައި ފާހަގަ ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.