English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ރާއްޖެއިން ޙައްޖަށް ނުދެވޭނެކަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން 1441 ވަނ އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދި އަރަބިއާގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނާއި، އެ ޤައުމުގައި މިވަގުތު ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުން ހިމެނޭ ގޮތަށް ކަނޑައެޅެ މަދު އަދަދެއްގެ މީހުންނަށް ކަމުގައި އެ ޤައުމުގެ ޙައްޖު މިނިސްޓްރީން ނިންމާފައިވާކަން، ރާއްޖޭގައި ހުންނަ ސައުދި އަރަބިއާގެ އެމްބަސީން އަންގާފައިވާ ކަމަށެވެ.

މީގެ ސައުދީ ސަރުކާރުން އެގޮތަށް ނިންމާފައި ވަނީ ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށްވެސް އެ އެންގުމުގައި ބަޔާންކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ސައުދީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ޙައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި ވީނަމަވެސް، ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދޭނެކަމުގައި ބަޔާންކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

“ސައުދި އަރަބިއާގެ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންނަށް ނުދެވޭނެ ކަމުގައި ދަންނަވަން”، އެ މިނިސްޓްރީން ބުނެފައި ވެއެވެ.