English Edition
Dhivehi Edition

ހައްޖުގެ މާތް އަޅު ކަމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ކެރި ފޯރުން ތެރިކަން ހުރިނަމަ އުމުރުން އެއްފަހަރު ކުރުން ވާޖިބު އަޅުކަމެކެވެ. މާތްﷲގެ އެކަމަކަށް އިރާދަ ކުރައްވައިފި ކޮންމެ ކަމަކީ ކޮންމެ ގޮތެއް ވިއަސް ނުވެ ނުދާނެ ކަމެކެވެ.

އަލް ހަސަން އަބްދުﷲ އަކީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ނިސްބަތްވާ ފަޤީރު މީހެކެވެ. އެނާ އެއްދުވަހު ގޭގައި ހުއްޓާ އެނާ ގޭގެ ދޮރުމައްޗަށް މަތިން އައިސް ވެއްޓުނީ ޑްރޯން އެކެވެ. އެނާ އަކަށް އެއީ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ.

އެ ޑްރޯން އަކީ ތުރުކީ ޓީވީ ކްރޫ އަކު ގެންގުޅުނު އެއްޗެކެވެ. އޭތި އެ ސަރަހައްދަށް ވެއްޓުމާއި އެކު އެމީހުން އަވަހަށް އޭތި ބަލައި ދިޔައެވެ. އެއީ އޭތި ބަޔަކު ގެންގޮސްފާނެތީ އެވެ. ނަަމަވެސް އެމީހުން ދިޔައިރު މީހަކު ހުރީ ޑްރޯން ހިފައިގެން އެމީހުންގެ އިންތިޒާރުގައެވެ. އެނާ ޑްރޯން ދިއްކުރަމުން ބުނީ “މީތި މިއަށްވުރެން ބޮޑު ކުރެވިދާނެތަ. އަހަރެން މިއިން މައްކާ އާއި ހަމައަށް ގެންގޮސްދޭން” އެވެ. އަބްދުﷲގެ މިވާހަކަ ޓީވީ ކްރޫގެ މީހަކު ސޯޝަލް މީޑިއާއަށް އެރުވިއެވެ.

ތުރުކީގެ ސޯޝަލް މީޑިއާގައި މިވާހަކަ ހަލުވިކަމާއެކު ފެތުރިގެން ދިޔައެވެ. އެގޮތުން ތުރުކީގެ ޙާރިޖީ ވުޒާރާއާއި އެހީ ދޭ ފަރާތްތަކާ ގުޅިގެން އެމީހާ ހައްޖައް ފޮނުވުމަށް ނިންމިއެވެ. އަދި މިދިޔަ ހުކުރު ދުވަހު އެނާ ވަނީ ތުރުކީ އަށް އައިސްފައެވެ. އަދި މިފަހަަރުގެ ހައްޖުގެ އަޅުކަން އަދާ ކުރާނެއެވެ.

އަބްދުﷲ ވަނީ އެނާ އަށް މި ފުރުސަތު ލިބުމުން އެނާ ވަރަށް އުފާވާ ކަމަށް ބުނެފައެވެ. ތުރުކީގައި މަސައްކަތް ކުރާ ގާނާ އަށް އެހީ ތެރިވެދޭ ޖަމާއަތުގެ ވެރިޔާ ބުނެފައި ވަނީ އެނާގެ ވާހަކަ ފެތުރެން ފެށުމާއި އެކު އެނާ އަށް އެހީވާން އެކި ތަންތަނުން ގުޅަން ފެށި ކަމަށެވެ. ދެން ފެށީ އަބްދުﷲ ހޯދުމުގެ މަސައްކަތެވެ. އެނާ ހޯދާފައި ވަނީ ގާނާގައި ހުންނަ ތުރުކީ އެންބަސީ ގައި އުޅޭ ތުރުކީ ފުލުހެކެވެ.

އަބްދުﷲ އަށް މިފަހަރުގެ ހައްޖު ލިބުމަކީ އެނާގެ ނަސީބުގައި ލައްވާފައިވާ ކަމެއް ކަން ހަމަ ޔަގީނެވެ. މިފަދަ ނަސީބެއް އަހަރުމެންނަވެސް ދެއްވާތޯ ދުއާ ކުރަންވީއެވެ.