English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރެކޯޑް އަދަދެއްކަމަށްވާ 15،915 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީގެކުރިން، އިންޑިއާ އިން މިހާ ގިނަ އަދަދެއްގެ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައެއްނުވެއެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރީ ތަފާސް ހިސާބުތަކުގައިވާގޮތުން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު ވަނީ 410،000 އަށްވުރެ އިތުރުވެފައެވެ.

އެ ގައުމުން ކޮވިޑް-19ގެ ސަބަބުން އިއްޔެ އެކަނިވެސް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 13،488 އަށް އަރާފައެވެ. މި ބަލީގައި އެ ގައުމުން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 234,714 އެވެ.

އިންޑިއާގެ އެންމެ ހާލަތު ގޯސްކޮށް އުޅޭ ހުޅަނގުގެ މަހަރާޝްތުރަ ސްޓޭޓުން އެކަނިވެސް 128،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ ދެކުނުގެ ޓެމިލް ނާޑޫ އާއި ވެރިރަށް ދިއްލީ އިންނެވެ.

މުޅި ދުނިޔޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 8.97 މިލިއަނަށް އަރާފައިވާއިރު، މިހާތަނަށް އައިއިރު ގާތްގަނޑަކަށް 467،803 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މުޅީން ރަނގަޅުވި މީހުންގެ އަދަދަކީ 4,774,208 އެވެ.