English Edition
Dhivehi Edition
19 ޖޫން 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝަށް ފުރި އެޤައުމުގެ ބައެއް ރައްޔިތުން - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ޤައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ދިޔަ އެ އެއާލައިންގެ ފްލައިޓުގައި 200 މީހުން ފުރުވާލާފައިވާ ކަމަށެވެ. އެމީހުން ޑާކާ އަށް ދިއުމަށް އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވައިލުމުގައި ސަރުކާރުން އިސްކަންދެނީ ޞައްޙަ ލިޔެކިޔުންތައް ނެތް މީހުންނަށެވެ.

އެގޮތުން ފޮރިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި އޭޕްރީލް 21 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ 2،499 ރައްޔިތަކު ވަނީ އަނބުރާ ޤައުމަށް ފޮނުވާލައިފަ އެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވުމުގެ މަސައްކަް ކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެޤައުމުގެ 1,134 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް-19 ޖެހިފައެވެ.