ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 407 މުދައްރިސުންނަށް ތަމްރީން ދެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ނިމޭއިރު 11،000 ގިނަ މުދައްރިސުން ތަމްރީން ކުރެވިގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމަކީ ސްކޫލްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވޭއިރު، ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ޔުނިސެފް މޯލްޑިވްސް އާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
Students are going to need extra psychosocial support when they return back to school after staying home for so long. Our teachers are getting trained to provide that extra support. https://t.co/FAWBP5aIhE
— Aishath Ali (@aisthly) June 19, 2020
މިކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިގު މުއްދަތަކަށް ގޭގައި ތިބުމަށްފަހު އަލުން ސްކޫލަށް ދާއިރު، ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން އިތުރަށް ބޭނުންވާނެ ކަމަށާއި، މުދައްރިސުން މިހާރު ތައްޔާރުވަމުންދަނީ އެ އިތުރު އެހީ ދިނުމަށް ކަމަށެވެ.
އަންނަ މަހުން ފެށިގެން ބަލި ނެތް ރަށްރަށުގައި ސްކޫލްތައް އަލުން ހުޅުވާލުމަށް ނިންމާފައިވާއިރު، މާލެ ސިޓީ އިން ހުޅުވަނީ ގްރޭޑް 09 އިން މައްޗަށެވެ.