އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން އަންހެނަކަށް، ޖިންސީ ގޯނާ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ގޭބަންދަށް ދޫކޮށްލައިފިއެވެ.
އުމުރުުން 30 އަހަރުގެ އެ ފިރިހެންމީހާ ގޭބަންދަށް ދޫކޮށްފައިވަނީ މީގެ ދެދުވަސްކުރިންނެވެ.
ފުލުހުން ބުނީ މިދިޔަމަހު 28 ވަނަދުވަހު ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ އިތުރުން އޭނަވަނީ 65 އަހަރުގެ އަންހެނަކާއި، 66 އަހަރުގެ އަންހެނަކަށްވެސް ޖިންސީ ގޯނާކޮށްފައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާގޮތުގައި އޭނާ ދޫކޮށްފައިވަނީ، އެމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުންދިން މުއްދަތު ހަމަވުމުންނެވެ. އޭނާގެ ބަންދުގެ މުއްދަަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ގޭބަންދަށް ބަދަލުކޮށްފައިވަނީ މީދޫ ކޯޓުންނެވެ.
އެ ފިރހެން މީހާ އެންމެފުރަތަމަ ޖިންސީ ގޯނާ ކުރަން އުޅުނީ ހުޅުދޫ އަންހެނަކަށެވެ. އޭގެފަހުން އޭނަގެ ބޮޑުބޭބެގެ އަނބިމީހާއަށެވެ. ދެން އެއަށްފަހު އެހެން އަންހެނަކަށެވެ. މި ތިން ހާދިސާވެސް ހިނގާފައިވަނީ އެދުވަހުގެ ހެނދުނު 7-8 ޖެހުމާ ދޭތެރޭގައެވެ. އޭނާގެ ފަހަރި އާއި ދިމާކޮށް ޖިންސީ ގޯނާ ކުރުމަށް ކުރި މަސައްކަތުގައި އެ އަންހެން މީހާ އަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ދާދިފަހުން އުމުރުން ދުވަސްވީ މީހަކަށް ހުޅުދޫގައި ވަޅިން ހަމަލާދިން ހާދިސާގައި ހައްޔަރު ކުރި މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށް ބުނެ ވަނީ ދޫކޮށްލައިފައެވެ.
ރަށުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި މިފަދަ ހާދިސާތައް މި ދެ ރަށުގައި މަދުން ނަމަވެސް ހިނގަމުން އަންނާތީ ހުޅުމީދޫގެ ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި ގޭގައި އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރިކަމެއް ނެތްކަމުގެ ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. އަދި މި ފަދަ ހާދިސާތައް ތަކުރާރުވެގެން ދިއުމާއި އެކު މި ފަދަ އަމަލުތައް ހިންގާ މީހުންނަށް އަދަބު ނުލިބި މުޖްތަމައު ތެރެއަށް ދޫވެފައި ތިބޭ ތިބުމާއި މެދު ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.