English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 2،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ އިންޑިއާ އިން އެއްދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިންޑިއާ އިން އިއްޔެ އެކަނި ވެސް 11،135 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން އިންޑިއާ އިން މިހާތަނަށް ވަނީ 363،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ 12،065 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 192،594 މީހުންނެވެ.

އިންޑިއާގެ ހާލަތު އެންމެ ގޯސް މަހަރާޝްތުރާ ސްޓޭޓުން ވަނީ 113،445 މީހުން ޕޮޒިޓިވްވެ 5،537 މީހުން މަރުވެފަ އެވެ. ޓެމިލް ނާޑޫ އިން 48،019 މީހުންނަށް ބަލިޖެހިފައިވާއިރު، 528 މީހުން ވަނީ މަރުވެފައެވެ. އަދި ދިއްލީ އިން 44،688 މީހުން ޕޮޒިޓިވްވެ 1،837 މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 8.33 މިލިއަން މީހުން ޕޮޒިޓިވްވެ 448،145 މީހުން މަރުވެފައެވެ. ރަނގަޅުވެފައި ވަނީ 4،359،396 މީހުންނެވެ.