English Edition
Dhivehi Edition

ބިދޭސީއަކަށް އަނިޔާކޮށް މުދަލަށް ގެއްލުން ދިން މައްސަލައިގައި އަށް ފުލުހެއްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދައުވާ އުފުލާފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ފުލުހުންތަކެއް މ. އުޖާލާގޭ ތެރޭގައި ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި 11 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު ޕީޖީއަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ހެކި ނެތުމުން ތިން މީހެއްގެ މައްސަލަ އަނބުރާ ފޮނުވާލާފައިވާއިރު ހަތް ފުލުހަކަށް އަނިޔާ ދިނުމުގެ ދައުވާ އަދި އެކަކަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު މަހު 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު 22 ވަނަ ދުވަހު އެ މައްސަލައިގައި އަޑުއެހުމެއް ވަނީ ބާއްވާފައެވެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި އަޑުއެހުމުގައި ދައުވާ ލިބޭ އެންމެންވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދުނު ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.

ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާ ކުރުމުގެ ދައުވާކޮށްފައިވަނީ ހުސައިން ނާފިއު، އާދަމް އަހްމަދު، އަފްޒަލް ޒާހިރު، ހުސައިން ފައިސަލް، މުހައްމަދު އަލީ، އައްސަދު މޫސާގެ އިތުރުން އަހުމަދު ނައުޝާދު އެވެ. އަހުމަދު ނައުޝާދުގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވާއިރު، އަބްދުލް މުހައިމިންގް މައްޗަށްވަނީ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކޮށްފައެވެ، .

ބިދޭސީއަކަށް އަނިޔާކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރުމާއި ޑިޕާޓްމަންޓު ބަދަލުކުރަން ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ނިންމި ނަމަވެސް އެ އަދަބު ލުއިކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ، އެ ނިންމުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އަދި އިސްތިއުނާފު ކުރުމުން ވެސް، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ދަމަހައްޓާފައިވުމާއެކު އެ ފުލުހުން ތިބީ އަދިވެސް ވަޒީފާގަ އެވެ.