އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލްކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބާޠިލްކޮށްފައިވާތީ، ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައްވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ޚާއްޞަ ފިޔަވަޅުތައް ބާޠިލްކުރެވިފައި ވީނަމަވެސް ގިނަމީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ގައިދުރުކަން އިސްކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް ދާނަމަ މާސްކް އެޅުމަށާއި އަދި ގިނަގިނައިން އަތް ސެނަޓައިޒްކުރުން ނުވަތަ ސައިބޯނި ލައިގެން އަތްދޮވުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފަ އެވެ.
އަދި ކޮވިޑް-19 ފެތުރެމުންދާ ސަރައްޙައްދުތަކުން އައްޑޫއަށް އައިސްފައިވާ ފަރާތްތައް ދިރިއުޅެމުންދާ ގެތައް ކަރަންޓީނު ކުރެވިފައިވާ މުއްދަތުގައި ޒިޔާރަތް ނުކުރުމަށް ވަނީ އަންގައިފަ އެވެ. ކައުންސިލުން ވަނީ އެފަދަ ސަރަހައްދުތަކުން އައިސްފައިވާ ފަރާތްތައް ކަރަންޓީނުކޮށްފައިވާ ގެތަކުން މީހުން ބޭރަށް ދިއުމަކީ މަނާކަމެއް ކަމުގައި ވެސް ބުނެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް ބާތިލްކޮށްފައިވާއިރު، އައްޑޫ ސިޓީގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އުމުރުން 65 އަހަރުގެ ދިވެހި އަންހެނަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެމީހާ އާއި އެއް ކޮޓަރިއެއްގައި އެމީހާގެ މާމަ ދަރިފުޅު ހުރިނަމަވެސް، މާމަ ދަރިފުޅު ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފަ އެވެ.
އައްޑޫ އިން ޕޮޒިޓިވްވީ ކަރަންޓީނުގައި ހުރި މީހެއް ކަމަށްވާއިރު، އޭގެ ސަބަބުން އައްޑޫގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑައެވެ. އަދި މިހާތަނަށް އައްޑޫ ސިޓީގައި އާންމުންގެ ތެރެއިން މި ބައްޔަށް އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.