ރާއްޖޭގެ ސްކޫލްތަކުގައި ބޭނުން ކުރަމުން އަންނަ ބެޖްތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ފިކްރީ މުދަލަކަށް ވެފައި ސްކޫލް ޔުނިފޯމްގައި ޖެހުމަށް ފަރުމާ ކޮށްފައިވާ ބެޖްތައް އެހެން އެއްވެސް ކަމެއްގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެމިނިސްޓްރީ އިން މިއަދު ނެރުނު އިޢުލާނެއްގައި ވާގޮތުން މިހާރަކަށް އައިސް އެމިނިސްޓްރީ ގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލްތަކުގެ ބެޖް ވިޔަފާރީގެ ބޭނުމުގައި އާއި އެނޫން ކަންކަމުގައި ބޭނުން ކުރާކަން ފާހަގަ ވެފައިވާ ކަމަށާއި އަދި ވަކިން ޚާއްސަކޮށް ކޮވިޑް 19 ގެ ޙާލަތުގައި ސްކޫލް ތައް އަލުން ހުޅުވާލުމުން ދަރިވަރުން ބޭނުންކުރުމަށް ހަދާ ފޭސް މާސްކް ތަކުގައި ބެޖް ޖަހައިގެން ވިއްކާ ކަން ފާހަގަ ވެފައިވާތީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖް ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައިވެއެވެ.
ޖުލައި 1 ން ފެށިގެން ރާއްޖޭގެ ސްކޫލްތައް ހުޅުވުމަށް ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި ދަރިވަރުން ފޭސްމާސްކް އެޅުންވަނީ ލާޒިމް ކޮށްފައެވެ. މިކަމަށްޓަކައި ފަހާތަންތަނާއި ގޭގޭގައި މާސްކް ފެހުމުގައި އަވަދިނެތި ހަރަކާތްތެރިވަމުން އަންނަ އިރު މާސްކްތައް އެކިގޮތްގޮތަށް ހަދަމުންދާކަން ފާހަގަ ކުރެވިގެން ސްކޫލް ތަކުން އަންނަނީ ދަރިވަރުންގެ މާސްކް ހުންނަންވާނެ ގޮތުގެ އިރުޝާދު ފޯރުކޮށްދެމުންނެވެ.
އެގޮތުން ސްކޫލަށް ދަރިވަރުން ފޮނުއްވާއިރު ބޭނުންކުރާ މާސްކުތަކަކީ އެއްވެސް ލޯގޯއެއް ބެޖެއް އަދި ޑިޒައިންތަކެއް ނުވާ މާސްކުތަކެއްކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނަށް ސްކޫލްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.