މިދިޔަ އޭޕްރީލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 527.47 ރުފިޔާ އެވެ.
މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު 81% ދަށްވެއްޖެ އެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ ޖުމްލަ 202.28 މިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 7.03 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު މި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 ޕެންޑަމިކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ފުރަބަންދު އިޢުލާންކުރުމުންނާއި، އޮން-އެރައިވަލް ޓޫރިސްޓް ވިސާތައް ކެންސަލް ކުރުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން މީރާ ދެން ހުޅުވާނެ ތާރީޚަކަށް ހުރިހާ ޓެކުހެއްގެ ސުންގަޑިވެސް އިތުރުކުރެވިފައި ވުމަކީވެސް އާމްދަނީ ދަށްވި ސަބަބެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 55% ނުވަތަ 113,549,993 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ އިންކަން ޓެކްސްގެ ގޮތުގައެވެ. އެއީ 9.7% ނުވަތަ 19,960,947 ރުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 16.6 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 11.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އޭޕްރީލް މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައި ވަނީ 527.47 ރުފިޔާ އެވެ.