English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ގިނަ ތުހުމަތުތަކަކާއެކު ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް، އަލްއުސްތާޛު މުޙައްމަދު މަޢުސޫމް ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އިސްމެޖިސްޓްރޭޓް މައުސޫމް ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމީ މިއަދު އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އެ ކޮމިޝަންގެ މި އަހަރުގެ 40 ވަނަ ބައްދަލުވުމުގައެވެ.

އެގޮތުން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި އިސްމެޖިސްޓްރޭޓް މައުސޫމް ފާޅުގައި ރިޝްވަތު ނަގާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫންވެސް މައްސަލަތަކެއް އޭނާ އާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ތަޙުޤީޤު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިޢާޔަތްކޮށް، ތަޙުޤީޤު ކޮމިޓީން އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން، ޖޭއެސްސީގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ)ގެ ދަށުން އިސްމެޖިސްޓްރޭޓް މައުސޫމް، ވަޒީފާއަށް ނުނިކުމެ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.