English Edition
Dhivehi Edition
އެލްޖީއޭގެ ބޯޑަށް އަލަށް ޢައްޔަންކުރި މެންބަރުން - ފޮޓޯ: ރައީސް އޮފީސް، އަފްޝާން ލަތީފްގެ ފޮޓޯ (ސަން)

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައްވައި، އެ އޮތޯރިޓީގެ ބޯޑަށް ހަތް މެންބަރުން ޢައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އަދި ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި 7 ބޭފުޅަކު މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ކަމަށެވެ.

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލާފައިވާއިރު، އެލްޖީއޭގެ ރައީސަކަށް ޢައްޔަނުކުރައްވާފައި ވަނީ ހޯމްމ ިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ އެވެ. އަދި ރައީސް އޮފީހުގެ އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، މުޙައްމަދު ޝިހާބުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ، އަޙްމަދު ސަމީރުވެސް ވަނީ ބޯޑަށް ޢައްޔަނުކުރައްވައިފަ އެވެ.

މީގެ އިތުރުން އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ފާޠިމަތު އަފްޝަން ލަޠީފް ޢައްޔަންކުރައްވާފައިވާއިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް، މުޙައްމަދު މާހިރު ޢީސާ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް، އަޙްމަދު ޝަރީފްގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު، ފާޠިމަތު ނިޢުމާވެސް ވަނީ ޢައްޔަންކުރައްވައިފަ އެވެ.

އެލްޖީއޭގެ އަލުން އެކުލަވާލާ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެ ޤާނޫނުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލެއްވުމާއެކު މިހާރު ހިނގަމުންދާ އެލްޖީއޭގެ ބޯޑު އުވުނީއެވެ. އަދި އެލްޖީއޭގެ އާ ބޯޑުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ކަމަށްވެސް ޤާނޫނުގައި ބުނެފައި ވެއެވެ.