English Edition
Dhivehi Edition
ގދ.ތިނަދޫގައި އަޅާފައިވާ ފްލެޓްތައް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އުސޫލާ ހިލާފަށް އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް މައްސަލަ ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލްގެ މަކަރާއި ހީލަތާއި އޮޅުވާލުމުގެ މައްސަލަ ބަލައިދޭން އެލްޖީއޭއަށް ހުށަހަޅާފައިވާކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ. އެ މަައްސަލަ ބަލައިދިނުމަށް އެދި ފޮނުއްވި ސިޓީގައި ސައުދުﷲ ވަނީ ތިނަދޫ ސިޓީއަކަށް ގާނޫނުގެ ތެރެއިން ބަދަލުވުމަކީ ތިނަދޫ ކޮންމެ ރައްޔިތަކު ވެސް އަދި އޭނާ ވެސް އިންތިހާއަށް ބޭނުންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް، އެރަށަކީ ސިޓީއެއްކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޮގަސްޓް 30، 2023 ގައި ހަމަޖައްސަވާފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ހިލާފަށް ކަމަށް ބެލެވޭ ކަމަށް އެ ސިޓީގައިވެއެވެ. އެކަމުގައި އެރަށު ކައުންސިލުން ވަރަށް ބޮޑެތި އޮޅުވާލުންތަކެއް 2022 އިން ފެށިގެން އޮޅުވާލާފައިވާއިރު އެ އަތޮޅުގެ ބައެއް ރަށްތަކުގެ ރަޖިސްޓްރީގައި ތިބި ބައެއް މީހުން އެމީހުންނަށް ނޭނގި ތިނަދޫގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ވެސް ސައުދުﷲ ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫގެ އެތައް ބަޔަކު އެއްފަހަރަށް ވުރެ ގިނަ ފަހަރު ހިމަނައި ގޭގެ ނަމާއި މީހުންގެ ނަންތަކާއި އައިޑީ ކާޑު ނަމްބަރު ވެސް އެކި ގޮތްގޮތަށް ބަދަލުކޮށް، މާކުރިން މަރުވެފައިވާ މީހުން ދިރިތިބިކަމަށް ހަދާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެތައް ދުވަހެއްގެ ކުރިން ރަށްވެހިކަން އެހެން ރަށްރަށަށް ބަދަލުވެފައިވާ މީހުން ވެސް ތިނަދޫގެ ރަޖިސްޓްރީގައި ހިމަނައިގެން ތިނަދޫގެ އާބާދީ 10،150 ކަމަށް ހަދާފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ސައުދުﷲ ވިދާޅުވީ ތިނަދޫ ކައުންސިލުން އާބާދީގައި 10،150 މީހުން ތިބިކަމަށް ލިސްޓް ފޮނުވި ނަމަވެސް އެ އަދަދަށް މީހުން ތިބިކަމަށް އެލްޖީއޭއަށް ގަބޫލު ނުކުރެވި ލިސްޓް ރެންޑަމްކޮށް ޗެކްކޮށްލި ކޮށްލުމުން ވެސް 307 މީހުންގެ އައިޑީ ކާޑް ނަމްބަރި ތަކުރާރުވެފައިވާކަން އެގިގެން ދިޔަކަމަށެވެ. އަދި ޑީއެންއާރްގެ ހިސާބުތަކުން ވެސް 8،000 މީހުން ހަމަނުވާ ކަމަށް ދައްކާތީ ސިޓީއަކަށް ބަދަލުކުރަން އެލްޖީއޭއިން ތަކުރާރުކޮށް އިންކާރުކުރި ކަން މި ސިޓީގައި ފާހަގަކޮށްފައެވެ.

އެހެންކަމުން ސައުދުﷲ ގެ ސިޓީގައިވަނީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި، ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ގަނޫނާއި ހިލާފް އެތައްކަމެއް ހިނގާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ކަންކަން ހިނގާފާނެ ކަމަށް ބެލެވޭތީ އާއި އަދި މިކަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ބެލުމަށް އެ ދާއިރާގެ ގިނަ ރައްޔިތުންތަކެއް އެދެމުންދާތީ، މިކަން ރައްޔިތުންގެ މަޖިިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ކަމާބެހޭ މުއައްސަސާތައް ގެނެސް ބަލައިދިނުމަށް އެދިފައެވެ.

ޓެގު