English Edition
Dhivehi Edition
ބްރެޒިލްގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންނަށް ފަރުވާދެނީ. --ފޮޓޯ: އޭޕީ

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް މުޅި ދުނިޔޭން ރެކޯޑް އަދަދެއްކަމަށްވާ 136،000 އަށްވުރެ ގިނަ މީހުން އާދީއްތަ ދުވަހު ޕޮޒިޓިވްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކޮށްފިއެވެ.

އެގޮތުން، މުޅި ދުނިޔޭން މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެފައިވަނީ ޖެނީވާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

“އިއްޔެ އަކީ މިހާތަނަށް މުޅި ދުނިޔޭން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަސް. އެގޮތުން، އިއްޔެ ޕޮޒިޓިވްވި 136،000 އެއްހާ މީހުންގެ ތެރެއިން %75 ނިސްބަތްވަނީ 10 ގައުމަކަށް.”

“މީގެތެރޭގައި އެންމެ ގިނައީ އެމެރިކާ ބައްރުގެ އިތުރުން ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގައުމުތައް.” ޓެޑްރޯސް ވިދާޅުވިއެވެ.

މީގެއިތުރުން، އެފްރިކާ ބައްރުގެ ގައުމުތަކުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނަ ކަމަށާއި، މުޅިން އަލަށް ވެސް ބައެއް ސަރަހައްދުތަކުގައި މި ބަލި ފެތުރެމުން އަންނައިރު ގިނަ ގައުމުތަކުން މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ އަދަދު އުޅެނީ އެއް ހާހަށްވުރެ ދަށުގައި ކަމަށްވެސް ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް މީޑިއާ އާއެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން. –ފޮޓޯ: އޭޕީ

“އިރުމަތީ ޔޫރަޕާއި މެދުތެރޭ އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިދަނީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން. އެކަމަކު، ޖުމްލަގޮތެއްގައި މުޅި ޔޫރަޕްގެ ހާލަތު މިދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން. އަދި މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި މި ބަލި މިހާރު ކޮންޓްރޯލްކުރެވެމުންދަނީ. މި ފެނިގެންދަނީ ރަނގަޅު ނިޝާންތަކެއް.” ޓެޑްރޯސް ވިދާޅުވިއެވެ.

މިހާރު މި ބަލީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އަދި އިންޑިއާ އެވެ. އެމެރިކާ އިން މިހާތަނަށް 2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 112،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އަށް ފަހު ދެން އެންމެ ހާލަތު ގޯސްކޮށް އުޅޭ ބްރެޒިލުން ވެސް ހަތް ލައްކައާ ގާތްކުރާ އަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާއިރު، 37،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ރަޝިޔާ އިން މިހާތަނަށް 476،000 އެއްހާ މީހުން ޕޮޒިޓިވްވެ، 6،000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާއިރު، ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އިން 265،000 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ހަތް ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވެސް 400،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، ބަލިޖެހުނު މީހުންގެ އަދަދަކީ 7،145،176 އެވެ. އަދި މި ބަލީގައި މިހާތަނަށް 3.48 މިލިއަން މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.