English Edition
Dhivehi Edition

ހައި ކޯޓުން ފުރަތަމަ ފަހަރަށް ލައިވްކޮށް ބޭއްވި ޝަރީއަތުގައި، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ހަތަރު މަހުގެ ޖަލު ހުކުމް މިއަދު ބާތިލްކޮށްފި އެވެ.

ޤާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ހަސަން ސައީދު، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން، އެ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކާއި ގުޅިގެން ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން ފުލުހަށް ހާޒިރުނުވި ކަމަށް ބުނެ އިއްވި ހުކުމެކެވެ. މިއަދު އެ ހުކުމް ބާތިލްކުރި އިރު، އެ ހުކުމް ތަންފީޒުކޮށް، ނިމި 2018 ވަނަ އަހަރު ވަނީ އޭނާ މިނިވަންވެފަ އެވެ.

އެ މައްސަލަ ހަސަންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ، ހުކުމުގައިވަނީ ހަސަން ސައީދުގެ މައްސަލައެއް ބަލަމުންދާކަން ފުލުހުން ނެރުނު ނޫސް ބަޔާނަކުން އިއުލާން ކުރިޔަސް، ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ މައްސަލާގައި ހަސަންގެ މައްޗަށް ތަހުގީގު ހިންގައި، ދައުވާ އުފުލީ އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށްވެސް އެ ހުކުމްގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އެ މައްސަލާގައި ހަސަން ސައީދުގެ މައްޗަށް ހުކުމް ކުރެވޭނީ ފުލުހުން ހަސަން ސައީދު ހޯދަން އިއުލާން ކުރި ކަމާއި، އަދި އޭގެފަހުން އޭނާ ފުލުހަށް ހާޒިރުނުވި ކަމަށްވެސް ހުކުމްގައިވަނީ ބުނެފައެވެ. އަދި ހަސަން ސައީދާއި ދެކޮޅަށް ސިއްރު ހެކިބަސް ނެގިއިރު ހެކިބަސް ނެގި މީހުންގެ އަދުލުވެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެކަންކަމުގެ މައްޗަށް ބަލާ ހަަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކޮށްފައެވެ.