English Edition
Dhivehi Edition
ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ: ފޮޓޯ ހެލްތު މިނިސްޓްރީ

ކޮވިޑް 19 އާއި ގުޅިގެން މާލޭގައި ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންގެ ތެރެއިން އައްޑޫގައި ހޯމް ކަރަންޓީނަށް ފޮނުވާ މީހުން މާލެއިން ފުރުވާނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ލިބުމުން ކަމަށް އައްޑޫސިޓީގެ އީއޯސީން ބުނެފިއެވެ.

އީއޯސީގެ އޮފިޝަލަކު “އޭއޯ ނިއުސް ” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު އައްޑޫއަށް ގެނެސް ހޯމް ކަރަންޓީނަށް ފޮނުވާލަން ނިންމި މީހުންނަށް ރަށަށް އާދެވޭނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭން ނިންމާފައިވާ ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ ލިބުމަށް ގާތް ގަނޑަކަށް 6 ގަޑިއިރު ހޭދަވާނެތީ މިއަދު ފުރުވަން ތިބި މީހުންނަށް ފުރޭނީ ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މިއަދު މާލެއިން އައްޑޫސިޓީއަށް މީހުން ގެނެސް ހޯމް ކަރަންޓީނަށް ފޮނުވާލާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އައްޑޫސިޓީގައި މިވަގުތު ކޮވިޑްގެ އެއްވެސް ބަލި މީހަކު ނެތް އިރު ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ތަނަކުން މީހުން ގެނެސް ހޯމް ކަރަންޓީނަށް ފޮނުވާލުމުން އެ ފަރާތްތަކުން ގޭގައި މަޑުކޮށްގެން ތިބޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ސޯޝަލް މީީޑިއާގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ގޭގޭގައި ކަރަންޓީނު ކުރުމުން އެގޭގައި ދިރިއުޅޭ އެހެން މީހުންނަށް ވެސް ރިސްކު ބޮޑު ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އީއޯސީން ބުނީ ހޯމް ކަރަންޓީނަށް ފޮނުވަނީ އެޗްޕީއޭގެ ގައިޑްލައިން ގައި ވާ ގޮތަށް ވަކި ކަރަންޓީނު މިންގަނޑުތަކަށް ފެތޭ ތަނެއްތޯ ބެލުމަށް ފަހު ގައި ކަމަށެވެ މި ގޮތުން ކަރަންޓީނު ކުރާ ގޭގައި ރިސްކު ކެޓަގަރީގެ މީހެއް ނެތުމާއި ކަރަންޓީނު ކުރެވޭ މީހާއަށް ޚާއްޞަ ވަކި ކޮޓަރިއަކާއި ވަކި ފާޚާނާއެއް އެގޭގައި ހުރުން ޝަރުތުކޮށްފައި ވެއެވެ.

މީގެ ކުރިން މާލެއިން އައްޑޫސިޓީއަށް ގެންނަ އައްޑޫ އަދި ފުވައްމުލަކުގެ މީހުން 14 ދުވަސްވަންދެން ބައިތިއްބާފައިވަނީ އައްޑޫގެ ކަރަންޓީނު ފެސިލިޓީސް ތަކުގައެވެ. ނަމަވެސް އެ ތަންތަނުގައި ކޮންމެ ފަހަރަކު ބެއިތިއްބެނީ 300 ވަރަކަށް މީހުން ކަމަށް ވުމާއެކު މާލެއިން ރަށަށް އަންނަން ތިބި ގިނަ ބަޔަކު ރަށަށް ނުދެވި ލަސްވާތީ ކަރަންޓީނު ފެސިލިޓީ ތަކުގެ އިތުރުން ހޯމް ކަރަންޓީނަށް ފޮނުވަން ނިންމީކަމަށް އީއޯސީން ވަނީ ބުނެފައެވެ.

އެގޮތުން ހޯމް ކަރަންޓީނަށް މީހުން ގެންނަން ފެށުމުން ދުވާލަކަށް 50 މީހުންނަށް ރަށަށް އައުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި ބޭނުންވަނީ ރަށަށް ނާދެވި މާލޭގައި ތާށިވެފައިތިބި މީހުން އަވަހަށް ރަށަށް އާދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް ވެސް އީއޯސީން ބުނެއެވެ.

1 ކޮމެންޓް
އައްޑޫ
ޖޫން 6, 2020
މީގަ މުހިންމީ އަވަހައް މީހުން ގެނައުން ތޯ؟ ނޫނީ ހުރިހާ އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަރަންޓީން ކުރެވިގެން ގެނައުން ތޯ؟