English Edition
Dhivehi Edition
ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރ - ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރ, ކުޅުދުއްފުށި ސިޓީ އާއި ގދ. ތިނަދޫގެ އިތުރުން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފިއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތަކެވެ.

ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާ ކަމަށް އުރީދޫން ބުނެއެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ބިލަށް ފައިސާ ދެއްކުމާއި، ރީޗާރޖްގެ ޚިދުމަތްތައް އަދި އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.

“އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ. ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފަ. މިހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން.” އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރވަނީ މާލޭގައި އިފްތިތާހު ކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވައިފައެވެ.

އެންމެ ފަހުން ހުޅުވާލެވުނު ޑިޖިޓަލް ސެންޓްރުތަށް ގާއިމް ކުރެވިފައިވަނީ:

  1. އުރީދޫ އެކްސްޕީރިއެންސް ސެންޓަރ، ރަންނަބަނޑޭރި މަގު، ގދ. ތިނަދޫ
  2. އުރީދޫ އެކްސްޕީރިއެންސް ސެންޓަރ، ފެންފުވައް މަގު، މާދަޑު، ޏ. ފުވައްމުލައް
  3. އުރީދޫ އެކްސްޕީރިއެންސް ސެންޓަރ، އަމީނީ މަގު, ހދ. ކުޅުދުއްފުށި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެދާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް 24 ގަޑިއިރުގެ ކަސްޓަމަރ ސަރވިސްގެ އިތުރުން އެމް-ފައިސާގެ ޚިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ޚިދުމަތްތައްވެސް ލިބޭނެއެވެ.