އިންޑިއާ އިން ރެކޯޑް އަދަދެއް ކަމަށްވާ 8,782 މީހުން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ސިއްހީ އިދާރާ އިން ހާމަކޮށްފިއެވެ.
މީގެކުރިން، އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ގާތްގަނޑަކަށް 8،380 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 190،000 އަށްވުރެ އިތުރުވެފައެވެ.
މީގެއިތުރުން، އިންޑިއާގެ އެންމެ ހާލަތު ގޯސްކޮށްއުޅޭ މަހަރާޝްތުރަ ސްޓޭޓަށް ނިސްބަތްވާ ސިޓީތައް ކަމަށްވާ މުމްބާއީ، ޕޫނޭ އަދި ނާގްޕޫރުން 67،000 އަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ ގައުމުގައި ބަލިޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދުވެސް ވަނީ 5،400 އަށްވުރެ އިތުރުވެފައެވެ. މި ބަލީގައި އިންޑިއާ އިން ރަނގަޅުވި މީހުންގެ އަދަދަކީ 92،027 އެވެ.
އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް ލޮކްޑައުން އަށް ލުއި ދިނުމުގެ ޕްލޭންގެ ދަށުން ތިން ފިޔަވައްސަކަށް ބަހާލައިގެން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކުގައި ރެސްޓޯރެންޓް، ހޮޓާ، ޝޮޕިން ސެންޓަރު އަދި އަޅުކަން ކުރާ ތަންތަން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތައް ހުޅުވާލަން ނިންމި ނަމަވެސް، ދިއްލީގައި މި ބަލި އަދިވެސް ފެތުރެމުންދާތީވެ އަންނަ ހަފްތާ އިން ފެށިގެން ބޯޑަރު ބަންދުކުރުމަށް ނިންމާފައިވާކަމަށް ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވަނީ ވިދާޅުވެފައެވެ. އެކަމަކު، ޟަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެވޭނެ ކަމަށާއި ކާފިއު އިއްލާންކޮށްފައިވަނީ ރޭގަނޑު 9:00 އިން ފަތިހު 5:00 ނިޔަލަށް ކަމަށް ވެސް ވިދާޅުވިއެވެ. ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އިންޑިއާ ލޮކްޑައުން ކުރީ މިދިޔަ މާޗު މަހުގައެވެ.
މުޅި ދުނިޔޭން މިހާތަނަށް 6.29 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވީ މީހުންގެ އަދަދު ވަނީ 370،000 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި މި ބަލީގައި ރަނގަޅުވީ މީހުންގެ އަދަދަކީ 2،864،659 އެވެ.