English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ މާލީ ޙާލަތު އޮތީ ވަރުގަދަކޮށް ކަމަށާއި ބޭންކުން ދަނީ ރަނގަޅު ފައިދާ ހޯދަމުން ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ވިޔަފާރިތަކަށް އެކަނި ވެސް ދިޔަ އަހަރު 1.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ބޭންކުން ލޯނު ދޫކުރި މިންވަރު 23 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެންޑްރޫ ވިދާާޅުވިއެވެ.

“މިދިޔަ އަހަރު އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ޖުމްލަ 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ. މިދިޔަ ތިން އަހަރު ބޭންކުން 8 ބްރާންޗް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވޭ. އެކި ސަރަހައްދުތަކުގައި 36 އޭޓީއެމް މިދިޔަ ތިން އަހަރުގެ ތެރޭގައި ބަހައްޓާފައިވާނެ” އެންޑްރޫ ވިދާޅުވިއެވެ.

‘އަހަރެންގެ ބޭންކް’ ޝިއާރާއެކު ބީއެމްއެލް އިން އާއްމުންނަށް ގުޅުން ހުރި އެތައް ހިދުމަތްތަކެއް ތައާރަފްކުރަމުންދާއިރު މިދިޔަ އަހަރު އެ ބޭންކާ 19،000 ވުރެ ގިނަ އާ ކަސްޓަމަރުން ގުޅިފައިވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ. އެއާއެކު އެ ބޭންކުގެ ކަސްޓަމަރުންގެ އަދަދު 280،00 އަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ އެމްއެމްއޭ އިން އިއުލާންކޮށްފައިވާ ގެދޮރު ގަތުމުގެ ލޯނު ޕްރޮގްރާމް މިމަސް ނިމުމުގެ ކުރިން އެ ބޭންކުން ފަށާނެ ކަމަށެވެ. އަދި އެ ސަރުކާރުން ހިންގާ ތަފާތު 29 ލޯނު ސްކީމް ބަލަހައްޓައި ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ 35 އަހަރު ކުރިން ދިވެހީންނަށް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ބަންގުލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް (އައިއެފްއައިސީ ބޭންކް ލިމިޓެޑް)އާ ގުޅިގެން ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާއާއެކު އުފެއްދި ޖޮއިންޓް ވެންޗަރ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ މިއަދު ވިޔަފާރީގެ ރޮނގުގައި ކުރިއަރާފައިވާ ކާމިޔާބު ކުންފުންޏެކެވެ. ދިވެހީންގެ ބޭންކުން މިވަނީ ޒަމާނީ ފަހުގެ ވަސީލަތްތަކާއެކު ކޭޝް އޭޖެންޓުން މެދުވެރިކޮށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ. ދިވެހީންގެ ބޭންކުގެ އަމާޒަކީ އަދިވެސް ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާކޮށް ކަސްޓަމަރުން ބޭނުންވާގޮތަށް ކުރިއަށް ދިއުމެވެ.