ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯރސަރ ވާޖިދު ހާން ކިޑްނީ އިންފެޝަނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ވާޖިދު މަރުވީ މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އުމުރުން 42 އަހަރުގެ ލަވަކިޔުންތެރިޔާ ވާޖިދުގެ ކިޑްނީގައި އިންފެކްޝަނެއް އުފެދުމާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެތަނަށް ގެންދިޔުމުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އަދި ކޮވިޑް-19 އާ އެކު އޭނާގެ ހާލު ގޯސްވެ އިތުރަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރަށް ލާފައިވާ އިރު އޭނާ މަރުވެފައިވަނީ ކިޑްނީގެ މައްސަލައަކާ ގުޅިގެންކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ “ޓައިމްސް ނައު” އިން ބުނެފައިވެއެވެ.
ވާޖިދު ހާން މިއުޒީކީ ދުނިޔޭގައި މަޝްހޫރުވެފައިިވަނީ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑިރެކްޓަރ އުސްތާދު ޝަރަފަތް އަލީ ހާންގެ ސާޖިދު ވާޖިދު ހާންގެ ގޮތުގައިއެވެ. ވާޖިދް އާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ސާޖިދް އެންމެ ފުރަތަމަ މިއުޒިކް ހަދާދީފައިވަނީ 1998 ވަނަ އަހަރު ނުކުތް ސަލްމާން ހާންގެ “ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ ” މި ފިލްމަށެވެ.
ބޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތައް ކަމަށްވާ “ދަބަންގް” އާއި “އޭކް ތާ ޓައިގާ” ފަދަ ފިލްމުތަކުގެ ލަވަތައް ކޮމްޕޯސްކޮށްފައިވާ ވާޖިދުގެ ކުއްލި ވަކިވުމާއި ގުޅިގެން ބޮލިވުޑްގެ ގިނަ ފަންނާނުންވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ،