ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ އެކިއެކި ދަތިތަކާއެކުވެސް މި ހާލަތުގެ ފައިދާ އެއްވެސް މީހަކު ނާޖައިޒް ގޮތުގައި ނުނެގުމަށް މަޝްހޫރު ޓީވީ ތަރި ސުރްބީ ޖޯތީ ގޮވާލައިފިއެވެ.
ކަލާޒް ޗެނަލުން ގެނެސްދޭ، އެކްތާ ކަޕޫރްގެ ކާމިޔާބު ސިލްސިލާ “ނާގިން” ގެ 3 ވަނަ ސީޒަނުގައި ދައްކައިދިން މޮޅު ހުނަރާއެކު ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސުރްބީ ބުނީ މި ހާލަތުގައި އެއްވެސް މީހެއްގެ މުސާރަ އުނިކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށާއި މުސާރަ އުނިކުރުމުގެ ބަދަލުގައި އެވަގުތަކަށް ބޭނުންވާ ވަރަށް ފައިސާ ދިނުންވެސް ރަނގަޅުކަމަށެވެ.
“މުސާރަ އުނިކުރުމުގެ ބަދަލުގައި މުއައްޒަފުންނަށް މި ހާލަތުގައި ކުޑަކޮށް މަޑުކޮށްލަ ދިނުމަށް އެދެވިދާނެ. އަދި ވަރަށް މުހިއްމު ކަމަކަށް ފައިސާ ބޭނުންވާނަމަ، އެއްކޮށް މުސާރަ ނުދެވުނަސް ކޮންމެވެސް ވަރެއް ދިނުން ރަނގަޅު”، ސުރްބީ ބުނެފައިވެއެވެ.
އިތުރަށް ސުރްބީ ބުނީ މި ހާލަތު ވަރަށް އަވަހަށް ބަދަލުވެގެންދާނެ ކަމަށާއި އެހެންނަމަވެސް ގަބޫލުކުރަންޖެހެނީ، މިއީ ދުނިޔެއަށް ދިމާވާނެ މި ފަދަ އެންމެ ފަހު ހާދިސާއަށް ނުވެވެސް ހިނގައިދާނެކަމަށެވެ.
“އަހަރެން ބުނާނީ އެއްވެސް މީހަކު މި ހާލަތުގައި ވަރަށް މުހިއްމު ވެގެން ނޫނީ ފައިސާ ހޯދަން ނުބުނާނޭ. އެހެންކަމުން މުސާރަ ދޭންޖެހޭ މީހުންނަށް މުސާރަ ދޭށޭ. އަހަރެން ބަރާބަރަށް އަހަރެންގެ މުއައްޒަފުންނަށް މުސާރަ އެބަދެން. އެމީހުންވެސް ބަރޯސާވެގެން ތިބީ އަހަރެމެންނަށް. އެހެންކަމުން މިއީ އަހަރެމެންގެ ޒިންމާއެއް”، ސުރްބީ ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަސައްކަތްތައް ހުއްޓި އެމީހުންނަށްވެސް ވަނީ މާލީ ގޮތުން ގިނަ ގެއްލުންތަކާއި ކުރިމަތިވެފައެވެ. ހާއްސަކޮށް މި ބަލީގެ ސަބަބުން ޓީވީ ތަރިންގެ މަސައްކަތްތައް ހުއްޓި ޓީވީ ޗެނަލްތަކަށްވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުތައްކޮށްފައެވެ.