English Edition
Dhivehi Edition
ބީއެމްއެލް ވެލިދޫ ބްރާންޗް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

އަންނަ ހޯމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ހުޅުވުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ޖޫން 01 އިން ފެށިގެން އަތޮޅު ތެރޭގައި ގާއިމް ކޮށްފައިވާ ބޭންކުގެ ބްރާންޗްތައް (މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްނަމަ) އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ދިނުމަށްޓަކައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ޖޫން 08 އިން ފެށިގެން މާލޭސިޓީގެ ކަނޑައެޅޭ ބައެއް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށްވަނީ ހަަމަޖެހިފައިވާ ކަމަށާއި، އެގޮތުން އޮންލައިން އަދި ސެލްފްސަރވިސް ބޭންކިންގ މެދުވެރިކޮށް ނުލިބޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން އެޕޮއިންޓްމަންޓް ހައްދަންޖެހޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޖޫން 08 އިން ފެށިގެން މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިންގ ސެންޓަރގެ އިތުރުން ބިޒްނަސް ސެންޓަރ ހުޅުވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

އަންނަ ހޯމަ ދުވަހު ބީއެމްއެލްގެ ގިނަ ބްރާންޗްތައް ހުޅުވުމަށް ނިންމާފައިވާއިރު، ބީއެމްއެލް އިން ބުނީ 13:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕޭރޯލްގެ ޚިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި، ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 13:30 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

އަދި ހެނދުނު 11:00 ގެ ކުރިން އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 14:00ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މެންދުރު 12:00ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 13:00ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 13:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.