English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން - ފޮޓޯ: ނިޝާން އަލީ (މިހާރު)

ކުޑަ އަންހެން ކުއްޖަކަށް ބިރު ދައްކައި، ބްލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙުޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި އެ ސަރވިސްއަށް ހުށަހެޅިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހުށަހެޅުމާއި އެކު އެކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށާއި، އެކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އިންދާ، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރު 13:08 ހާއިރު ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އޭނާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަން މީހެއް ކައިރިއަށް ކުއްޖާ އެކަނި ކަމަށާއި، އެ އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި އެ ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަހްޤީޤް ކުރަމުންދާ ކަމަށެވެ.