English Edition
Dhivehi Edition
29 މެއި 2020 ވަނަ ދުވަހު ފުރި މޯލްޑިވިއަންގެ ފްލައިޓްގައި ބަންގްލަދޭޝަށް ދިއުމަށް ރާއްޖޭގައި ތިބި މީހުން ޗެކިންވަނީ - ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އިތުރު 198 މީހަކު މިއަދު ޤައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއީ ބަންގްލަދޭޝްގެ ރައްޔިތުން ޤައުމަށް ގެންދިއުމަށްޓަކައި އެ އެއާލައިނުން ބާއްވާ ހަވަނަ ފްލައިޓް ކަމަށެވެ. ޑާކާ އަށް ދިއުމަށް މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރީ މީގެ އިރުކޮޅެއް ކުރިންނެވެ.

މިމަހުގެ 26 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ 200 މީހަކު ރާއްޖެއިން ފުރާފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހުވެސް 350 ބަންގްލަދޭޝް މީހުން ވަނީ ޑާކާ އަށް ގޮސްފައެވެ. އަދި މެއި 22 ވަނަ ދުވަހުވެސް ބަންގްލަދޭޝްގެ 352 މީހަކު ފޮނުވާލާފައިވާއިރު، ނޭޕާލް އާއި ބަންގްލަދޭޝްގައި ތިބި ދިވެހިންނާއެކު ރާއްޖެ އައި އެޤައުމުގެ އަސްކަރީ މަތިންދާ ބޯޓެއްގައިވެސް ބައެއް މީހުން ވަނީ ފޮނުވާލައިފަ އެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވައިލުމުގައި ސަރުކާރުން އިސްކަންދެނީ ޞައްޙަ ލިޔެކިޔުންތައް ނެތް މީހުންނަށެވެ. އެގޮތުން ލަފާކުރެވޭ ގޮތުގައި މިހާރުވެސް އެފަދަ 50،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި އުޅޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ޤައުމަށް ފޮނުވުމުގެ މަސައްކަް ކުރަމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. އެގޮތުން އެޤައުމުގެ 785 މީހަކަށް ވަނީ މިހާތަނަށް ކޮވިޑް-19 ޖެހިފައެވެ.

1 ކޮމެންޓް
ޒަކަރިއްޔާ
މެއި 29, 2020
ކޮންމެ ވެސް ގޮތަކަށް ސައްހަ ލިޔުން ހުރި މީހުންނަށް ވެސް ފުރުސަތު ދޭންޖެހޭ. ޤަވާއިދުން އުޅޭ މީހުންނަށް އެމީހުންގެ ރަށަށް ނުދެވޭ