މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މިރޭ ކޯވިޑް-19 އާ ގުޅޭގޮތުން ޤައުމާ މުޚާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް ކުރައްވާނީ ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން ކަމަށެވެ. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
“އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްޞީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ”, ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މާލެއިން ފުރަބަންދުގެ ޙާލަތު ދޫކޮށްލާއިރު، ކޮވިޑަށް ޓެސްޓް ކުރުމުގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް ހަމަކުރެވޭނެ ކަމަށެވެ.
އަދި އެ ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.
“އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، ޢާންމު އުޞޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން”، ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ޙާލަތު އިތުރަށް ގޯސްވާނަމަ، ފުރަބަންދުގެ ޙާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުންދިޔަ ޢާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ ކަމަށާއި، ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން ކަމަށެވެ.
“އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ޤަބޫލުކުރައްވައިގެން ނުވާނެ”، ރައީސް ވިދާޅުވި އެވެ.