English Edition
Dhivehi Edition

ކަރަންޓުގެ އަގު ހެޔޮކުރެވޭތޯ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯއިން ފެށި “އިންޖީނު ގެތަކުގެ އިސްވެރިންގެ މަހާސިންތާ” ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން މިއަދު އެވެ. މި ރަސްމިއްޔޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓެލްކޯ އިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތުގެ އަގު ރަނގަޅު ކުރަން ޓެކްނޮލޮޖީގެ އިންގިލާބާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސްޓެލްކޯ އިން އަންނަނީ ސޯލާ އެނާޖީ ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދަމުން ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ. އަޒްލީން ވިދާޅުވީ ހެޔޮ އަގެއްގައި ރައްޔިތުންނަށް ކަރަންޓު ފޯރު ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ހަކަތައިގެ ވަސީލަތްތައް ގެންގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާ ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. ރާއްޖޭގެ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނީ ވައިން އުފައްދާ ހަކަތަ އާއި އަވިން އުފައްދާ ހަކަތާގެ ނިޒާމްތައް ގާއިމް ކުރެވިގެން ކަމަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ ތެލުން އުފައްދާ ކަރަންޓަށް ރާއްޖެ ބިނާވެފަ އޮތުމުގެ ނަތީޖާއަކަށް ދުނިޔޭގެ ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ސީދާ ރާއްޖެއަށް ކުރާ ކަމަށެވެ.