އެއްބަޔަކަށް ކަންކަމުގައި ‘ނޫނެކޭ’ ބުނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންނަމަވެސް ބައެއް މީހުންނަށް، ޙާއްސަކޮށް އަންހެނުންނަށް ކަންކަމުގައި ގިނަފަހަރަށް ‘ނޫނެކޭ’ ބުނަން ދަތިވެއެވެ. ގިނަ ފަހަރަށް ކުރަން ބޭނުން ނުވާކަމެއް ނުވަތަ އެކަށީގެންވާ ވަގުތު ނެތް އިރުވެސް ‘ނޫނެކޭ’ ނުބުނެވޭ ހާލަތްތައް އާދެެއެވެ.
‘ނޫނެކޭ’ ބުނަންޖެހޭ ހާލަތްތަކުގައި ‘ނޫނެކޭ’ ބުނުމަކީ އެމީހަކު ދާން ބޭނުންވާ މިސްރާބަށް ދިޔުމަށް މަގުފަހިވާ ކަމެކެވެ. ހަޔާތުގެ ހުންގާނު ބޭނުންވާ މަންޒިލަށް ގެންދަން ބޭނުންނަމަ ކޮންމެ ކަމަކަށް ‘އާއެކޭ’ ބުނެގެން ނުވާނެއެވެ. ޕްރޮފިސަރ ވަނެސަރ އެމް.ޕަތިކް ބުނާ ގޮތަން ‘ކަންކަމުގައި ނޫނެކޭ ބުނުމަކީ އެމީހާގެ ހަޔާތަށް ދިރުން ގެނެސްދޭ ކަމެކެވެ. އެހެންނަމަވެސް ނޫނެކޭ ބުނަން ޖެހޭނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތާއި ހާލަތުގައެވެ’.
ދުނިޔޭގެ ގިނަ މީހުން ‘އާއެކޭ’ ބުނަމުންދާކަމަކަށް ‘ނޫނެކޭ’ ބުނަންޖެހޭ ހާލަތަކީ އެހެން މީހުންގެ ނަފްރަތް ލިބިދާނެ ކަމަށް ކަމަށް ހީވެދާނެއެވެ. ސަބަބަކީ ހިޔާލުތަފާތުވުމަކީ ބައެއް މީހުން ދެކޭގޮތުގައި އެމީހެއްގެ ބާރު ގެއްލި ގޯސް ވިސްނުން ގެންގުޅޭ ކަމެއްކަމަށް ދެކެއެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުން ގިނަ މުޖުތަމަޢުތަކުގައި އަބަދުވެސް ކަންކަމުގައި އަންހެނުން ‘ނޫނެކޭ’ ބުނަން ފަސްޖެހެއެވެ. އަދި އެގޮތަށް އެވަނީ އެކަނބަލުން ބިރު ހީވާތީއެވެ.
‘ނޫނެކޭ’ ބުނަންޖެހޭ ހާލަތުގައި އެހެން ބުނުމުން ކައިރު މުސްތަޤްބަލްގައި އެއިން ފައިދާ ނުކުރިނަމަވެސް ދުރު މުސްތަޤްބަލްގައި އެކަމުން އެކަށީގެންވާ ފައިދާއެއް ކުރުމަކީ ވެދާނެކަމެކެވެ. ކޮންމެ ފަހަރަކު ‘ނޫނެކެ’ ބުނުމުގެ ބަދަލުގައި ‘އެކަމެއް ކުރުމަށްވުރެ ނުކުރުން ރަނގަޅޭ’ ފަދަ ބަސް ބަސް ބުނުން ވެސް ރަނގަޅެވެ. މިކަމުގައި އޮންނާނީ އެހެން ބުނާމީހަކު އެބުނާ ގޮތާއި، އެމީހެއްގެ ވާހަކަ ދެއްކުމުގެ ކުޅަދާނަކަމެވެ. އެގޮތުން އެކި މީހުންނާއި މުހާތަބު ކުރާއިރު އެކި ގޮތްގޮތަށް ‘ނޫނެކޭ’ ބުނުން ނުވަތަ އެކަމަކާއި އެއްބަސް ނުވާކަން އެންގުމަށް އެކި ކަހަލަ އުކުޅުތައް ގެންގުޅެވިދާނެއެވެ.
ނުދަންނަމީހުން ކުރިމަތީގައި ‘ނޫނެކޭ’ ބުނުމަކީ އެމީހެއްގެ އަމިއްލަ ވަންތަކަން ދައްކުވައިދޭ ކަމެކެވެ.
ބައެއްފަހަރު ‘އާއެކޭ’ ބުނެވެނީ އެކުގައި އުޅޭ މީހުންނާއި އެކު އޮންނަ ގުޅުމެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އެއީ ވަގުތީ އުފަލަކަށް ގިނަ ފަހަރަށް އޮންނާނީ ވެފައެވެ. ސަބަބަކީ އެމަކެއްގެ ރަނގަޅުގޮތް އެމީހަަކަށް ވިސްނޭއިރުވެސް އެހެންމީހުންގެ އުފަލަށްޓަކައި ‘ނޫނެކޭ’ ނުބުނެ ދޫކޮށްލުމުން ގޯސްކަން އެނގި ހުރެ އެގޯސްކަމަށް އަރައި ގަނެވެނީއެވެ. މީގެ ސަބަބުން އެކަމުގެ ހިތި އަސަރު ފެނިގެންދިޔުން ގާތެވެ.
އެހެންމީހުންނަށްޓަކައި ކޮންމެ ފަހަރަކު ‘އާނއެކޭ’ ބުނާނަމަ އެމީހެއްގެ ހަޔާތަށް އަމިއްލަ ބާރު ފޯރުވުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ. ހަޔާތަކީ ކުރު އެއްޗެކެވެ. އެހެންކަމުން ކޮންމެ ފަހަރަކު ކަންކަމުގައި ‘އާއެކޭ’ ބުނެވޭކަށް ނެތެވެ. ‘ނޫނެކޭ’ ބުނަން ޖެހޭ ދަނޑިވަޅުތަކުގައި އެހެން ބުނުމުގެ ހިތްވަރު ހުންނަން ޖެހެއެވެ. މިކަން ކުރުމަށް ފުރަތަމަ އުނދަގޫވެދާނެއެވެ. އެހެންނަމަވެސް މިގޮތަށް ހަޔާތް ބައްޓަންކޮށްފިނަމަ އެއިގެ ފައިދާ އިސާހިތަކު އެމީހެއްގެ ދިރިއުޅުމުން ފެނިގެން ދާނެއެވެ. އަދި އެމީހަކީ ހަރުދަނާ މީހެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނާނެއެވެ.