English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ތަފާތު ވައްތަރުގެ ސަޓަނި މީރު ބޭފުޅުންނަށް ވަރަށް ހާއްސަ ސަޓަންޏެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. ބަށި ސަޓަންޏަކީ މަދުން ނަމަވެސް ދިވެހިން ވެސް ތައްޔާރު ކޮށްގެން ކައި އުޅޭ ކެއުމެކެވެ. މި ސަޓަނީގެ މިއަދު ގެނެސްދޭ ރެސިޕީ ތަފާތުވެދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑު އުންމީދު ކުރަނީ މި އަދު މިގެނެސްދޭ ރެސިޕީ ތި އެންމެ ބެފުޅުންނަށް ކަމުދާނެކަމަށެވެ.

ބޭނުންވާތަކެތި:

4-5 ދަނބު ބަށި

1/2 ސަމްސާ ރީނދޫ

1 ފިޔާ

1 ޓޮމާޓޯ

2 ފެހި ތޮޅިމިރުސް

2 ސަމްސާ ރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސް

3 ސަމްސާ ލުނބޯހުތް

1/2 ސަމްސާ ހަކުރު

1 1/2 ޖޯޑު ތެޔޮ (ތެލުލަން)

ރަހަލާވަރު ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ހަނިދިގަށްވާ ގޮތަށް ތުނިކޮށް ބަށި ކޮށާފައި ލޮނުކޮޅެއް އަދި ރީނދޫ އަޅާފައި ރަނގަޅަށް އެއްކޮށްފައި ބަހައްޓާށެވެ. ދެން ޓޮމާޓޯ، ފިޔާ މިރުސް ކޮށާފައި ބަހައްޓާށެވެ. ދެން ތަވަޔަށް ތެޔޮފޮދެއް އަޅާފައި ތެޔޮ ހޫނުވީމާ ބަށި އަޅާފައި ބަށްޓަށް ގޯލްޑެން ބްރައުން ކުލައަރަންދެން ކްރިސްޕީ ކޮށް ތެލުލާށެވެ. ދެން ތެލުން ނަގާފައި ބަށީގައި ހުރި ތެޔޮ ހިކެންދެން ބަހައްޓާށެވެ.

ފުން ބޯތަށްޓަކަށް ތެލުލާފައި ހުރި ބަށި އެޅުމަށްފަހު ފިޔާ، ހިކިމިރުސް މިރުސް އަދި ޓޮމާޓޯ އަޅާފައި ސަމްސަލަކުން އެއްކުރާށެވެ. ދެން އެހެން ތައްޓަކަށް ލުނބޯހުތް އަދި ހަކުރު ކޮޅު އެޅުމަށްފަހު ހަކުރު ވިރެންދެން ސަމްސަލުން ގިރާފައި ބަށި ތަކުގެތެރެއަށް އަޅާލާށެވެ. ހުރިހާތަކެތި ރަނގަޅަށް ރަހަހިފާވަރަށް ސަމްސަލުން މަޑުމަޑުން އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްފައި ސާރވް ކުރާށެވެ.

ނޯޓް: މި ސެލެޑް ތައްޔާރު ކުރަން އެންމެ ރަނގަޅީ އެންމެ ލަސްވެގެން ކެއުމުގެ 15 މިނެޓް ކުރިންނެވެ. އަބަދުވެސް ތާޒާކޮށް ސެލެޑް ކެއުމަކީ އެންމެ އެދެވިގެންވާގޮތެވެ.