އައްޑޫ ސިޓީގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އެފްސީ ޒެފިއަރ އިން މިއަދު އައްޑޫ ސިޓީ ކައުންސިލަށް ގިނަ އަދަދެއްގެ ޞިއްޙީ ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ އެފްސީ ޒެފިއަރ އިން އައްޑޫ އީއޯސީ އަށް ބައެއް ޞިއްޙީ ސާމާނުތައް ހަދިޔާކޮށްފައިވާ ކަމަށާއި، މިދަނޑިވަޅުގައި އެފްސީ ޒެފިއަރ އިން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެ ކްލަބަށް ޝުކުރު ދަންނަވާ ކަމަށެވެ.
އެފްސީ ޒެފިއަރ އިން މިއަދު އައްޑޫ ސިީޓ ކައުންސިލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 500 ފޭސް މާސްކު، 20،000 އަންގި، 500 އެމްއެލްގެ 35 ފުޅި ހޭންޑް ސެނިޓައިޒާ އާއި 480 އެމްއެލްގެ 05 ފުޅި ހޭންޑް ސެނިޓައިޒާ ހިމެނެއެވެ. މީގެ އިތުރުންވެސް 60 އެމްއެލްގެ 10 ފުޅި ހޭންޑް ސެނިޓައިޒާ އާއި 500 އެމްއެލްގެ 05 ފުޅި ޑިސްއިންފެކްޓެންޓް އަދި 86 އަތް ދޮންނަ ދިޔާ ސައިބޯނި ފުޅިވެސް އެ ކްލަބުން ވަނީ ކައުންސިލަށް މިއަދު ހަދިޔާކޮށްފަ އެވެ.
މިކަމާއި ގުޅޭގޮތުން އެފްސީ ޒެފިއަރ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ބަލިމަޑުކަމާއި ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި އެހީވެދިނުމަކީ މި ވަގުތު ކޮންމެ ވަކި ވަކި ފަރުދަކަށްވެސް ކޮށްދެވޭނެ ވަރަށް ބޮޑު ކަމެއް ކަމަށެވެ.
އަދި މިއަދު ހަދިޔާހުރި ތަކެއްޗަކީ އެފްސީ ޒެފިއަރ އަށް ނިސްބަތްވާ ކުޑަ ބޮޑު އެންމެންވެސް ހިއްސާވާގޮތަށް ކޮށްފައިވާ ޑޮނޭޝަނެއް ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައިވެސް އެ ކްލަބުން ތިބޭނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.