އައްޑޫސިޓީގެ މަރަދޫ ސިއްހީ މަރުކަޒުގެ އަޮފީސް ފަޅާލައި އެތަނުގެ ތިޖޫރީ ވަގަށް ގެންގޮސްފިއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން މަރަދޫ ސިއްހީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ، ޢަބްދުﷲ ތައްޔިބު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މިހާދިސާގައި ވަގަށް ގެންދިޔަ ތިޖޫރީގައި ކޮންމެވެސް މިންވަރަކަށް ފައިސާ ވެސް ހުންނާނެކަމަށެވެ.
“އިތުރު އިދާރީ އެއްޗަކަށް ގެއްލުން ދީފައި ހުރި ތަނެއް އަދި ނުފެނޭ. ތިޖޫރީ އެކަނި ގެއްލިފައި ވަނީ. އޮފީހުގެ ފުރަގަހުގައި ހުރި ދޮރެއް ހަލާކު ކޮށްލާފައި އެތެރެއަށް ވަދެފައިވަނީ” ތައްޔިބު ވިދާޅުވިއެވެ.
ތައްޔިބު ވިދާޅުވީ ސިއްހީ މަރުކަޒަށް މީގެ ކުރިންވެސް މިފަދަ ގޯނާތައް ކޮށް ގެއްލުން ދީފައިވާތީ އެތަނުގެ އިންފާރު ރޭނުމަށް އެދި ތަފާތު އެކިފަހަރު މަތިން މިނިސްޓްރީގައި ދެންނެވިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެ މަސައްކަތް ކުރެވޭނެ ގޮތް ވެފައި ނުވާ ކަމަށެވެ.
“ސިއްހީ މަރުކަރުގެ އިންފާރު ރޭނުމަށް އެމަސައްކަތަށް އިއުލާން ވެސް ކޮށް ކޯޓޭޝަން ލިބި އެ ކޯޓޭޝަންތައް އިވެލުއޭޓު ކުރުމަށް މިނިސްޓްރީއަށް ފޮނުވާފައި ވަނީ ވެސް. ތަފާތު އެކިފަހަރު މަތިން މިނިސްޓްރީގެ އެކި ލެވެލްގެ ބޭފުޅުންނަށް ވެސް ގުޅާފައި ވާނީ. އެކަމަކު އަދިވެސް ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން މަސައްކަތް ނުފެށި ލަސްވެފައި މިވަނީ” ތައްޔިބު ވިދާޅުވިއެވެ.
ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.