އިދިކޮޅު އެމްޑީޕީން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އިގްތިސާދާއި ވިޔަފާރިތައް ފުނޑާލައި އިނދަޖައްސާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ ވަރަށް ބުރަ މަސައްކަތުން ދިވެހިން އުފައްދާފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް މިއަދު ފުނޑިފައިވަނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަމަށް ބިރުދައްކަމުންދާ ކަމަށާއި ރާއްޖެއަކީ ނުރައްކާތެރި ޓެރަރިސްޓު ގައުމެއްގެ ގޮތުގައި ބޭރު ދުނިޔެއަށް ދެއްކުމަށް އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް އިބްރާހީމް ދީދީ ވަނީ ތުހުމަތުކުރައްވާފައެވެ.
ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ އެމްޑީޕީގެ ވެރިކަންތަކުގައިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީން ފުރަތަމަ ވެރިކަމާ ހަވާލުވިއިރު ޑޮލަރެއްގެ އަގު ހުރީ 12.85 ރުފިޔާގައެވެ. ނަމަވެސް އެމްޑީޕީގެ ދެ ދައުރު ނިމުނުއިރު ޑޮލަރުގެ އަގު ވަނީ 19 ރުފިޔާއަށް ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިބްރާހީމް ދީދީ ވިދާޅުވީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެފައިވީ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގަށް އައީ އެންމެ ރުފިޔާއެއްގެ ބަދަލެއް ކަމަށެވެ.