English Edition
Dhivehi Edition
ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިންނާއެކު 11 އޭޕްރީލް 2020 ވަނަ ދުވަހު މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

އިންޑިއާގެ 16 ސިޓީއަކުން 200 އަށްވުރެ ގިނަ ދިވެހިން މާދަމާ ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މާދަމާ ރާއްޖެ އަންނަނީ އިންޑިއާގެ ޕަންޖާބް، ކޮލްކަތާ، ގުރްގާއުން، ރިޝިކޭޝް، ދިއްލީ، ވެއްލޫރް، ޗެންނާއި، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމަލާ، ވެލިންގްޓަމް އަދި ޕަޒްމަރީގައި ދިރިއުޅޭ 234 ދިވެއްސަކު ކަމަށެވެ. އަދި އެމީހުން ރާއްޖެ ގެންނަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.

އެމީހުން ރާއްޖެ ގެނައުމަށްޓަކައި މޯލްޑިވިއަންގެ ޑޭޝް އަދި އެއާބަސް ފްލައިޓެއް މާދަމާ އިންޑިއާ އަށްދާނެ އެވެ. އެގޮތުން އެއާބަސް ދަތުރުކުރާނީ މާލެއިން ދިއްލީ އަށް، ދިއްލީން ޓްރިވެންޑްރަމަށް އަދި އެނބުރި މާލެއަށެވެ. އެ ފްލައިޓް ވީއައިއޭގައި ޖައްސާނެ ކަމަށް ބެލެވެނީ މާދަމާ 14:00 ހާއިރު އެވެ. އަދި ޑޭޝް މަތިންދާބޯޓު ދަތުރުކުރާ މާލެ އާއި ޓްރިވެންޑްރަމާއި ދެމެދު ކަމަށާއި، އެ ފްލައިޓް ވީއައިއޭގައި ޖައްސާނީ 13:10 ހާއިރު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުރު ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިން މި ފްލައިޓްތަކުގައި އައުމަށް މިހާރު ދިއްލީ އާއި ޓްރިވެންޑްރަމަށް ދަތުރުކުރަމުންދާ ކަމަށެވެ.

މި ފްލައިޓްތަކުގައި ރާއްޖެ އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވޭނެއެވެ.

މީގެ ކުރިންވެސް މޯލްޑިވިއަން މެދުވެރިކޮށް ސަރުކާރުން ވަނީ އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންތަކެއް ރާއްޖެ ގެނެސްފައެވެ.