އައްޑޫ ސިޓީގައި ލޮކްޑައުން އުވާލިނަމަވެސް، އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ވަނީ އައްޑޫގެ ހުރިހާ އަވަށެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް އެންގި އެންގުން އަނބުރާ ނެގުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި ކުރިން އަޅާފައިވާ އަންނަނިވި ފިޔަވަޅުތައް ދެމެހެއްޓުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެގޮތުން އައްޑޫގެ އެއްރަށުން އަނެއް ރަށަށް އެއްގަމާއި ކަނޑު މަގުން ދަތުރުކުރުމަކީ މަނާކަމެއް ކަމަށާއި، ޑެލިވަރީ ޚިދުމަތް ފިޔަވައި އާއްމު ވިޔަފާރީގެ ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށާއި، ދަތުރު ދިއުމާއި އާއްމު ތަންތަނަށް އެއްވެ އުޅުންވެސް މަނާވާނެ ކަމަށާއި އަދި އައްޑޫ ސިޓީގައި ބޯކޮށާ ތަންތަނުން ޚިދުމަތް ދިނުމަކީ މަނާކަމެއް ކަމަށްވެސް ކައުންސިލުން ބުނެއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ކުރިން އަންގާފައިވާ ހުރިހާ އެންގުމެއްވެސް ދެމެހެއްޓުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުތައް އަޅާފައި ވީނަމަވެސް މިހާރުވެސް އޮންނަ އުސޫލުތަކުގެ މަތިން ޟަރޫރީ ބޭނުންތަކަށާއި އާއްމު ޚިދުމަތްދޭ ފަރާތްތަކަށް އައްޑޫ އިމަރޖެންސީ އޮޕަރަރޭޝަންސް ސެންޓަރ (އޭއީއޯސީ) އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަ ދޫކުރަމުންދާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.