މަސްތުކަމަކީ އަހަރެން ދުވަހަކުވެސް ބޭނުންވި ކަމެއް ނޫނެވެ. އަދި މީހަކު ދެކެ ލޯބިވާކަށް ވެސް އަހަރެންގެ ހިތަކު ނެތެވެ. އަމުދުން ކިޔަވައި ނުނިމެނީހެވެ. އަހަންނަކީ ވިސްނުންތެރި ބަސް އަހާ ކިޔަމަންތެރި ދަރިޔަކީމެވެ. އެހެންކަމުން އަހަރެން މެލޭޝިޔާއަށް ކިޔަވަން ފޮނުވާކަށް މައިންބަފައިން ޖެހިލުމެއް ނުވިއެވެ. އެމީހުން އަހަންނަށް ފުރިހަމަޔަށް އިތުބާރު ކުރިއެވެ. އަދި އަހަރެންގެ އަމިއްލަ ނަފުސުގެ މައްޗަށްވެސް އެހާ ބޮޑު އިތުބާރެއް ވެސް އޮތްމެއެވެ. އަހަރެން ކިޔަވަމުން ދިޔައީ ބިޒިނެސް އެޑްމިނިސްޓްރޭޝަނެވެ. ލިންޓަން ޔުނިވަރސިޓީއިންނެވެ. އަހަރެންގެ ހުރިހާ ވަގުތުތަކެއް ހޭދަކުރީ ކިޔެވުމާއި ފިލާވަޅު ދަސްކުރުމުގައެވެ. އަހަރެން ދާނެ މާގިނަ ތަންތަނެއް ނުހުރެއެވެ. ޔުނިން ކޮންޑޯ އަށެވެ. އެއްޗެއް ގަންނަންވެއްޖެއްޔާ ނޫނީ ވަންޔޫ އަކަށް ވެސް ނުދަމެވެ. އަހަރެންގެ އާ ކަމާއެކު ރައްޓެހިންނެއް ނޫޅެއެވެ. ކޮލެޖްތެރޭން ދިވެހި ކުދިންނާ މަދުމަދުން ދިމާވެއެވެ. އެ އެންމެންވެސް ރައްޓެއްސެވެ. އެކަމަކު އެއީ ކޮލެޖްތެރޭގައި އެކަންޏެވެ. އެއަށް ވުރެން ގާތްގުޅުމެއް ބާއްވާކަށް ވެސް އަހަރެން ނޫޅެމެވެ. އެއީ ފަހަރެއްގައި ފާ އަހިވަކަކާ ޖެހިދާނެތީ ވެސް މެއެވެ. އަހަރެން އުޅޭ ކޮންޑޯގައި އުޅެނީ މުޅިންހެން ބޭރު މީހުންނެވެ. މި ރޫމް ލިބުނީވެސް އުނދަގުލުންނެވެ. ޖެހިގެން ހުރި ދެ ކޮޓަރިވެސް ވަނީ ބަޔަކު ހިފާފައެވެ. އެއްކޮޓަރީގައި ޑޮކްޓަރުކަން ކިޔަވާ ނައިޖީރިއާގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އަނެއް ކޮޓަރީގައި ތިބެނީވެސް ކޮންމެވެސް ކަޅު ބަޔެކެވެ. މިމީހުންނާ މަދުމަދުން ދިމާވެއެވެ. އެކަމަކު ހިނިތުންވެލުމަކަށް ވުރެން ގާތްކަމެއް ނޯވެއެވެ. އަހަރެން އައިސް ކޮޓަރިޔަށް ވަނުމާއެކު އެތެރޭން ދޮރުތަޅުލައި ތަންޑު އަޅަނީއެވެ. ރޭނގަޑުގެ ކެއުމަކީ މައިލޯ ތަށްޓަކާއި ވީޓްސް ބިސްކޯދެކެވެ. އެހެންކަމުން އެއްގޮތަކަށް ވެސް ރޭގަނޑަކު ބޭރަކަށް ދާކަށް ބޭނުމެއް ނުޖެހެއެވެ. އަހަރެން މާލޭން އައި އިރު ކުއްޖަކު ރައްޓެހިވާން އުޅެފައިވެއެވެ. ފުރުމުގެ ކުރީގައި ދެފަހަރަކު ބައްދަލުވެސް ކުރިމެއެވެ. އެހެންނަމަވެސް އަހަރެން އޭނާއަކަށް އެދެވޭ ޖަވާބެއް ނުދެމެވެ. ކިޔަވައި ނިމިގެން އެނބުރިދާއިރު ވަފާތެރިކަން މަތީ ހުރެއްޖެނަމަ އަހަރެން ވިސްނާފައި ޖަވާބެއް ދޭނަމޭ ނުސީދާކޮށް ވާނީ ބުނެފައެވެ. އަހަންނަކަށް އޭނާ ދެކެ ލޯތްބެއް ނުވެއެވެ. އެކަން އަހަންނަށް ކަށަވަރެވެ. މީހުން ލޯބިވެގެން އުޅޭ ގޮތް އަހަންނަށް ވަނީ ފެނިފައެވެ. އަހަރެންގެ ރައްޓެހި އެހެން ކުދިންގެ ފަރާތުންނެވެ. އެކުދިން އުޅޭ އުފަލާއި އުފުލާ ވޭން އަހަރެންނަށް ފެނިފައިވެއެވެ. އެކުދިންގެ ބިޓުންނާ ނުލައި އެކުދިންނަށް ނޭވައެއް ނުލެވިގެން ތެޅިފޮޅެމުން ދިޔަތަން އަހަރެން ވަނީ ދެކެފައެވެ. އެފަދަ އިހުސާސެއް އަހަންނަކަށް ޔަފާޒް އާމެދަކު ނުވެވެއެވެ. ކުލާސް ނޯންނަ ދުވަހެއް ނަމަ ފޫހިވެއެވެ. އެހެންނަމަވެސް އަހަރެން ބަލަނީ ކޮންމެވެސް ކަމެއްގައި މަޝްޢޫލުވެގެން އެ ވަގުތުތައް ހޭދަކޮށްލުމަށެވެ. ބޭކާރު ޚިޔާލާއި ފިކުރު ސިކުނޑިއަށް ނުވެއްދުމަށެވެ. ކޮންމެވެސް ގޮތަކުން އެއުނދަގޫތަކަށް ކެތް ކޮށްލުމަށެވެ. އެޔަކީ އަހަންނަށް ނުކުރެވޭ ވަރުގެ ކަމެއް ކަމަކަށެއް އަހަރެންނެއް ނުދެކެމެވެ. އެއީ ހުކުރު ދުވަހެކެވެ. އެދުވަހު ކްލާހެއް ނެތެވެ. ވީކެންޑް ކުރިމަތީ އޮތުމާއެކު ބައެއް ޝޮޕިން ކޮށްލުމަށާއި ވިސާގެ ކަންތަކުގައި އަހަރެން ނުކުމެއްޖައީމެވެ. އެދުވަހު އިމިގްރޭޝަން ތެރޭން އަހަރެން ދަންނަ ދިވެހި ކުއްޖަކާ ދިމާވިއެވެ. އެއީ މިންނައެވެ. މިންނައަކީ އަމީނިއްޔާއިން އަހަންނާ ވަރަށް ދިމާވި ކުއްޖެކެވެ. އެކަމަކު އޭރަކު މާބޮޑު ރައްޓެހި ކަމެއް އުފެދިފައެއް ނުވެއެވެ. މިންނަވެސް ހުރީ ވިސާ ކަންތަކުގައި އައިހެވެ. އޭނާ އަހަރެންގެ ގާތަށް އައިސް ތައާރަފުވިއެވެ. އަދި އޭނާގެ ބިޓު ވިކާޝް ވެސް އަހަންނަށް ތައާރަފު ކޮށްދިނެވެ. އެވަގުތުން ފެށިގެން ވިސާގެ ކަންތައް ނިމެންދެންވެސް އަހަރެމެން ތިންމީހުން އުޅުނީ އެކު އެކީގައެވެ. މިންނަ އުޅެނީ އަހަރެންގެ ކޮންޑޯއާ މާދުރު ހިސާބެއްގައެއް ނޫނެވެ. އެހެންކަމުން އަހަރެމެން ދެމީހުންގެ ފޯނުނަމްބަރު ބަދަލު ކޮށްފީމެވެ. އެއީ މިހެން އާއިލާއާ ދުރުގައި އުޅޭއިރު ފަހަރެއްގައި ރައްޓެއްސެއްގެ އެހީތެރިކަމަކަށް ބޭނުންވެދާނެތީވެސް މެއެވެ. މިއަކީ ގޯހެއްކަމަކަށް އަހަންނެއް ނުދެކެމެވެ. މިންނަޔާއި އަހަރެން އެދުވަހަށްފަހު ބައްދަލުވެ އުޅެމެވެ. ކެއުންތަކަށް ކެފޭތަކަށް ގޮސް ހަދަމެވެ. އަދި މަދުމަދުން ސިނަމާއަށް ވެސް ދަމެވެ. މިގޮތުން މިންނައާ އެއްވަރަކަށް ވިކާޝްއާވެސް މިހާރުވަނީ ރަހުމަތްތެރިކަން އުފެދިފައެވެ. އެ ދެމީހުންނާއެކު ތަންތަނަށް ގޮސް އުޅޭއިރު އަހަރެން ބާކީ ވެފައި ހުންނާތީ އެމީހުން ދެރަވެއެވެ. އަހަރެންވެސް ދެން މިކޮޅުން ކުއްޖަކާ ވަގުތީގޮތުން ނަމަވެސް ރައްޓެހިވާންވީ ނޫންހޭ އެ މީހުން ބުނެއެވެ. އެކަމަކު އަހަރެން އެވާހަކަތަކަށް ދެނީ ބީރު ކަންފަތެކެވެ. އަހަރެން ދެކޭ ގޮތުގައި ފޫހިފިލުވާލަން މީހަކާ ގުޅިގެން އުޅުމަކީ ބޭކާރު ކަމެކެވެ. ވިކާޝް އަކީ މިންނަގެ ބިޓު ނަމަވެސް އޭނާ އަހަންނަށް ވަރަށް ހެވެވެ. ވަރަށް ގާތެވެ. އެހެންވެ ރައްޓެހީންގެ ގޮތުގައި އެދެމީހުން ލިބިފައިވާތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެމީހުންގެ ސަބަބުން ވަރަށް ފޫހި ފިލައެވެ. އެހީތެރިކަން ލިބެއެވެ. އަދި ވަރަށް މަޖާވެސް ވާން ފަށައިފިއެވެ. ފުރަތަމަ ސެމިސްޓަރ ނިމުމުން ފަނަރަ ދުވަހުގެ ޗުއްޓީއެއް ލިބުނެވެ. އެހެންނަމަވެސް އެހާ ކުޑަ ދުވަސްކޮޅަކަށް މާލެ ދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަމަ ގޮސްފައި އަންނަން ޖެހުނީމާ މާ ދެރަވާނެތީއެވެ. ގޭގައި ކޮއްކޮމެންނާއެކު ހިތްހަމަ ޖެހޭހާ ގިނަ ދުވަސްތަކެއް ހޭދަ ނުކުރެވޭނެތީއެވެ. އެހެން ނޫނަސް އެއީ ގިނަ ޚަރަދުވެސް ހިނގާނެ ކަމެކެވެ. ބައްޕަމެންނަކީވެސް މާ މުއްސަނދި ބައެއް ނޫން ވީމައެވެ. ގިނަ ހުސް ވަގުތުތަކެއް ލިބުމުން ކުރިޔާ ޚިލާފަށް ތަންކޮޅެއް ގިނައިން މިންނަ މެންނާއެކު ބޭރުގައި އުޅެވޭގޮތް ވާން ފަށައިފިއެވެ. އެއީ އެމީހުންވެސް މިފަހަރު ޗުއްޓީއަށް ނުގޮސް ތިބުމާއެކުގައެވެ. އެހެންކަމުން ދުވާލު އެމީހުން ދާ ކޮންމެ ތަނަކަށް އަހަރެންވެސް އެމީހުންނާއެކު ދަމެވެ. ރޭގަނޑު އެމީހުން ދަނީ ކުލަބަށެވެ. މަޖާ ކުރުމަށެވެ. އެމީހުން ދައުވަތު ދޭވެސް މެއެވެ. އެކަމަކު ރޭނގަޑަކު އަހަރެން އެއްވެސް ތަނަކަށް ނުދަމެވެ. އަހަންނަކީ އެއް އިރެއްގައިވެސް އެކަހަލަ ތަންތަނަށް ގޮސް އުޅުނު މީހެއް ނޫން ވީމައެވެ. އަހަރެން އުޅޭ މުސްކުޅި ދިރިއުޅުމާ މެދު މިންނަމެން ވަރަށް ފާޑު ކިޔައި ހަދައެވެ. ވިކާޝް އެއްޗެއް ނުބުނެއެވެ. އެކަމަކު ލާނެއް ގޮތަކަށް އަހަންނާ ދިމާއަށް ވަރަށް ބަލާފައި ހޭނެއެވެ. ވިޔަސް އަހަރެން ގަސްތުކުރީ އަހަރެންގެ ގޮތުގައި ހުރުމަށެވެ. އަހަރެން ރޭނގަޑުގެ ވަގުތު ފޫހިވީމާ އޮންލައިންވެ ފޭސްބުކްގައި އުޅޭ ރައްޓެހިންނާ ޗެޓްކޮށް ހަދަނީއެވެ. އަދި ގޭމްތައް ކުޅެން ނިދާ ވަގުތާ ހަމަޔަށް އިންނަނީއެވެ. އެވަރުން އަހަރެންގެ ރޭގަނޑު ފުރިހަމަ ވެއެވެ. މިފަހަރު ޗައިނީސް ނިއުޔެއާ ދިމާވީ އެދުވަސްވަރާއެވެ. އެހެންކަމުން މިންނަމެން ސަންވޭއަށް ދާން ރާވައިފިއެވެ. އެ ދުވަސްވަރު ކާރޫބާރު ބޮޑުވާނެވަރު ހިތަށް އަރާފައި އަހަރެން ހުރީ ވަކިގޮތެއް ނުނިންމައެވެ. ގޮސްފިއްޔާ އެތައްސަތޭކަ ރިންގިޓެއް އަތުން ޚަރަދުވެސް ވާނެއެވެ. އަބަދު ވިކާޝްގެ އަތުން ޚަރަދު ކުރުވުމަކީ އަހަރެން އެދޭ ގޮތެއް ނޫނެވެ. މި ދުވަސްކޮޅު އަހަރެންގެ ބަޖެޓަށް ވުރެން މާބޮޑަށް ޚަރަދު ކުރެވިއްޖެ ވެސް މެއެވެ. އެގޮތަކީ އެމީހުންނާއެކު ބޭރަށް ގޮސް އުޅޭ އިރުވެސް އަހަންނަށް ހިނގާ ޚަރަދު ދެއްކޭތޯ އަހަރެން ބައެއްފަހަރު ބަލާތީއެވެ. މިހެން ބުނިކަމުގައިވިޔަސް ހުރިހާ ފަހަރަކުހެން ޚަރަދު ކުރާނީ ވިކާޝްއެވެ. އޭނާއަކީ މަހުޖަނެއްގެ ދަރިޔެއް ވީމާ ސަތޭކަ ދުއިސައްތަ ރިންގިޓަކީ އަހަންނަށް ބޮޑު އެއްޗަކަސް އޭނާއަކަށް އެކައްޗެއްވެސް ނޫނެވެ. ވިކާޝް އަކީ ބުޅި އިސްތަށިގަނޑެއްގެ ވެރި އިސްކޮޅުން ދިގު ޒުވާނެކެވެ. އޭނާގެ އިސްތަށިގަނޑު ވަރުގަދަކަމުންނާއެކު ސްޓައިލް ކޮށްފައި އޮންނަނީ ބޮޑު ކުޅަނދުރު ހަތައެއް ހެންނެވެ. އެހެންވެ ޒަމާނީ އަންހެންކުދީންގެ މެދުގައި އޭނާ ވަރަށް މަގުބޫލެވެ. އޭނަޔަކީ އެހާ މަޖާވެސް މީހެކެވެ. ހުރެފައި ބުނެލާ އެއްޗެހީން މީހަކު ހީނހީނ ހަލާކުވާނެއެވެ. މިންނައަކީ އިސްކޮޅުން ކުރު ކުއްޖެކެވެ. އަމުދުން ވިކާޝްގެ ކައިރީގައި ހުންނަ އިރު އޭނާ މާ ކުރުކަމަށް ދައްކައެވެ. އެހެންނަމަވެސް މިންނައަކީ ފުޅާ، ބައްޓަން ހެޔޮ ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އޭނާ އަކީ މިހާރު ވިކާޝްގެ ހިޔަންޏެވެ. އެކަކު ފެނިއްޖެއްޔާ އަނެކަކު ހުންނާނެއެވެ. މިންނައަށް ބޮއިފްރެންޑެއްގެ ގޮތުގައި ވިކާޝް ލިބިފައިވާ ކަމީ އޭނާގެ ހެޔޮ ނަސީބެވެ. ވިކާޝްގެ ބައްޕަޔަކީ ރިސޯޓް ޗޭނެއްގެ އޯނަރެކެވެ. ވިކާޝްއަކީ އެގޭ އެންމެ ހަގު ފިރިހެން ދަރިފުޅެވެ. އޭނާގެ ބޭބެ ވަނީ ޑްރަގަށް ގޮސް ގެއްލިފައެވެ. އެހެންވެ މިހާރު އެމީހުންގެ ހުރި ހުރިހާވެސް އުންމީދަކީ ވިކާޝްއެވެ. “މިއޮތްފަދަ މަޖާ ދުވަސްވަރު ކޮންޑޯގައި އެކަނި ހޭދަކުރާނީ މޮޔައެއް ނޫންތަ؟” މިހެން ކިޔަމުން އެދުވަހު މިންނަ އައިސް ދޮރުގައި ތަޅައިގަތެވެ. އެޔަކީ މުޅިޔަކުން ދޮގެއް ވެސް ނޫނެވެ. އެއީ އަހަރެންވެސް ފޫހިވެގެން ހަލާކުވެފައި ހުރި ދުވަހެކެވެ. އެހެންވެ އަހަރެންވެސް ތައްޔާރުވެގެން ނުކުމެއްޖެއީމެވެ. އޭރު އެމީހުންނާއެކު އަހަރެން ކުރީގައި ދެކެފައި ނުވާ ފިރިހެން ކުއްޖަކު ހުއްޓެވެ. އެއީ އިއްބެއެވެ. ކުޑަކުޑަ މީހެކެވެ. އެކަމަކު ހުންނަނީ ބޮޑީކޮށް ވަރުގަދަ ވެގެންނެވެ. އެހާ މަޖާ ދުވަހެއް އަހަރެންގެ ހަޔާތުގައި ނުވެސް އާދެއެވެ. ކުރީގައި ހިތަށްވެސް ނާރާ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެން ދިޔަ ދުވަހެކެވެ. މީރު ކެއުންތަކާއި ބުއިންތަކަށް އިންސާފު ކުރަމުން ދިޔައީމެވެ. ދުވަސް ހޭދަވެގެން ދިޔަ ގޮތް ނުވެސް އެނގުނެވެ. އެންމެފަހުން ގެޔަށް އާދެވުނީ މެންދަމުން އަލިވެ 2 ވެސް ޖެހިފަހުންނެވެ. މިއަދު ހިނގި ކަންތަކާމެދު ވިސްނަން އަހަރެން އެތައް އިރަކު ނުނިދިފައި އޮތީމެވެ. މިންނަމެން އަހަރުމެންނާއެކު އިއްބަ ގެންދިޔައީ އަހަރެންނާ އޭނާ ގުޅުވުމުގެ ބޭނުމުގައި ކަމަށް ވިޔަސް އަހަރެން ކުޑަކޮށްވެސް އޭނަޔަކަށް ސަމާލު ކަމެއް ނުދެމެވެ. އެކަމަކު ސިއްރުން އެހެންނަމަވެސް ޔަގީނުން ވިކާޝްއާ މެދު އަހަންނަށް ސަމާލުކަން ދެވުނެވެ. ހަމަ އެފަދައިން އެހެން ދުވަސްތަކާ ޚިލާފަށް އޭނާވެސް އަހަންނާ ގައިގޯޅިކަން ބޮޑު ކުރިއެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގައި އޭނާ އަހަންނާ ކޮންމެވެސް ކަހަލަ ސަމާސާއެއް ކޮށްލައެވެ. ވަށްބަހުން އެއްޗެއް ބުނެލައެވެ. ކޮންމެވެސް ލާނެތް އިޝާރާތެއް ކޮށްލައެވެ. މިކަން މިންނައަށް ވެސް ފާހަގަ ވިހެން ހީވެއެވެ. އެއްފަހަރަކު ބަހުގައި އިށީނދެ ތިބެވުނީ އަހަންނާ ވިކާޝް ޖެހިޖެހިގެންނެވެ. އެވަގުތު މިންނަ އަވަހަށް އެތަނަށް އައިސް އަހަރެން އަނެއް ފަރާތު ގޮނޑިއަށް ފޮނުވާލައިފިއެވެ. ވިކާޝްއަށްވެސް އެކަން އަޅައިގަންނަވަރަށް ފާހަގަ ވިއެވެ. އަހަރެން އެނގޭކަމަކަށް ނުހެދީމެވެ. ވިކާޝް އަހަރެން ގަޔާވާ ހުރިހާ ތަންތަނެއް އަހަންނަށް ދެއްކޭތޯ އުޅުނެވެ. އަދި އަހަންނަށް މީރުހެން ހީވާ ހުރިހާ ބާވަތެއްގެ ކާނާއެއް ވެސް ގެނަސް ދިނެވެ. އޭގެ އިތުރުން އަހަރެންގެ އަތުން އެންމެ ރިންގެޓެއްވެސް ޚަރަދުވިޔަކަ ނުދިނެވެ. އަހަރެން ކިތަންމެ ވަރަކަށް މިއަދު ހިނގި ކަންތައް ހަނދާނުން ފުހެލަން އުޅުނެއްކަމަކު އެކަމެއް ނުވިއެވެ. ވިކާޝް އައިސް އަހަރެންގެ ހިތުގައި އެ ވިކާ ވިކުމެއް ހުއްޓުވޭނެ ގޮތެއް ނުވިއެވެ. ހިތާ ދެކޮޅަށް ނަމަވެސް މިއީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން އަހަންނަށް މަޖްބޫރު ވެއްޖެއެވެ. ހަފުތާއެއް ފާއިތުވެ ދިޔަ އިރުވެސް މިންނަގެ ޚަބަރެއް ނުވިއެވެ. އެހެންޏާ ކޮންމެ ދުވަހަކުވެސް އެއްފަހަރު މިންނަ ގުޅާލައެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ވެއްޖެކަން މިހާރު ޔަގީންވެއްޖެއެވެ. އެއީ ފޫހި ދުވަސް ކޮޅެކެވެ. އެހާ ހިތްދަތިކަންވެސް ބޮޑުވި ވަގުތުތަކެވެ. ވަކީން ޚާއްސަކޮށް މިންނަމެން މީހަކު ނުގުޅީމައެވެ. ކިތަންމެ ފަހަރަކު އިސްވެ އަހަރެން ގުޅާލަފާނަމޭ ވެސް ހިތަށް އެރިއެވެ. އެހެން ހީކޮށް ފޯން ނަގާވެސް ހެދީމެވެ. އެކަމަކު މިންނަ ނުގުޅައިގެން އުޅެނީ ކީއްވެކަން ނޭނގޭތީ ހައްތާވެސް ފަސް ޖެހެނީއެވެ. އަހަރެން ހަނދާން ކުރީމެވެ. އެދުވަހު މިންނައަށް ޝައްކުވާކަހަލަ ކަމެއް އަހަރެންގެ ކިބައިން ކުރެވުނުބާއެވެ. ސަމާސާއަކަށް ވެސް އެހެން ދުވަސްދުވަހާ ތަފާތު ގޮތަކަށް އަހަންނަށް ވިކާޝްއާމެދު ކަމެއް ކުރެވުނު ބާއެވެ. ބަސްތެރޭގައި އެ ހިނގި ކަންތައް ނޫން އެހެން ކަމެއް ކުރެވުނު ހަނދާނެއް ނުވެއެވެ. އެކަމަކު ހަވާ އެރުވުމުގެ ކުޅިވަރު ހިނގިވަގުތު ވިކާޝް ކޮންމެވެސް ހެއްވާ އެއްޗެއް ބުނެގެން އަހަރެން ވަރަށް ހުނީމެވެ. ދެން އަހަންނަށް އެނގިގެން ހިނގިކަމަކީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫނެވެ. އެއީ ވިކާޝްގެ ގަމީހު ގޮށުގައި އަހަރެންގެ އިސްތަށިގަނޑު އަޅައިގެން އުޅުނު ވަގުތެކެވެ. އަހަންނަށް ކުއްލިއަކަށް އެނބުރިލެވުނު ވަގުތު އަހަރެންގެ ބޯ ވިކާޝްގެ ދަތްދޮޅީގައި ވިދުނީއެވެ. އެތަން މިންނައަކަށް ނުވެސް ފެންނާނެއެވެ. އަހަރެންގެ ހިތުގައި އެދުވަސްކޮޅު ހީވަނީ ދައްޗެއް ތިއްބާފައި ހުންނަ ހެންނެވެ. އެއްޗެއް ކާހިތެއް ނުވެއެވެ. ކާން އުޅުނަސް އަރުތެރެ ހުންނަނީ ބެދިފައެވެ. ހީވަނީ ފެނުކެއްކި ކުކުޅުބިހެއް އަރުތެރޭގައި ތާށިވެފައި ހުންނަ ހެންނެވެ. ނޭވައެއް ވެސް ހަމަޔަކަށް ނުލެވެއެވެ. މޭތެރޭ ހީވަނީ ފުރިބާރުވެފައި ހުންނަ ހެންނެވެ. ފުންކޮށް ނޭވައެއް އެތެރެހަށްޓަކަށް ނުފެތެއެވެ. އާފުރެން އުޅުނަކަސް އެކަމެއް ވެސް ނުވެއެވެ. މީހަކު ދެކެ ލޯބިވެވިއްޖެއްޔާ މިހާވަރު ވާނެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ދެވަނަ ސޫރައެއް ލޯމައްޗަކުން ނުފެނެއެވެ. ލޯމެރިޔަސް ނުމެރިޔަސް ވެހެވެ. އެހެން ނަމެއް ހިތަކު ނޯވެއެވެ. ހިތަށް އެރުވިޔަސް ނޭރުވިސް ވެހެވެ. ދިރިހުރެވެނީ އޭނާގެ ނަން މަތީގައެވެ. މަރުވެދާނީވެސް އޭނާގެ ނަންމަތީގައެވެ. ހިތަށް އަރާގޮތަކީ މިއީއެވެ. މިއަކަށް ވުރެން ހިތްދަތި ދުވަސްކޮޅެއް އަހަރެންގެ އުމުރަކު ހޭދަކުރެވިފައެއް ނުވެއެވެ. ހާސްވެގެން ގޮތް ހުސްވެގެން އަހަރެންނަށް ތެޅިފޮޅެވެނީއެވެ. ފޯނުގެ ރިންގްވީ އަޑު އިވުމުން އަހަރެން އެނދުން ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. މިންނަ ގުޅީއެވެ. އަހަރެން އަވަހަށްގޮސް ފޯން ނަގަން އުޅެނިކޮށް އަތުން ދޫވެގެން ވެއްޓުނީއެވެ. ވެއްޓުނު ބާރުގައި މަތިގަނޑު ނެއްޓި ބެޓެރިވެސް ވިއްސައިގެން ދިޔައީއެވެ. އަހަރެން ބަލާލިއިރު އެއީ މިންނަގެ ނަމްބަރެއް ވެސް ނޫނެވެ. ނުދަންނަ ނަމްބަރެކެވެ. ދެން ވީނާއުންމީދު އަދި ވަކީން ބޮޑުވިއެވެ. ކެތްކުރަން އުޅެ އުޅެ ކެތްނުކުރެވުނެވެ. ބާރަށް ރޮއިގަނެވިއްޖެއެވެ. އެފޯން އަލުން އައީ އަހަރެން އެހެން ރޯން އިންދައެވެ. އަހަރެން “ހެލޯއޭ” ބުނެވުނު އަޑުގައި ކިތަންމެ ފޮރުވަން އުޅުނަސް ރުއިމުގެ އަސަރު ހުއްޓެވެ. “މިއީ އިއްބެ.” އޭނާ ބުންޏެވެ. “އަނެއްކާ ރޭޝަމް ރޮނީތަ؟” “ނޫން.” އަހަރެން އެހެދީ ދޮގެއްކަން އޭނަޔަށް ވެސް އެނގޭނެއެވެ. “އަހަރެމެންނާއެކު ބީޗްކެފޭއަށް މިރޭ ދާންވީނު؟” “ބީޗްކެފޭއަށޭ ؟” އަހަރެންނަށް ހައިރާންކަމެއް ލިބުނެވެ. އެއީ ދުރުވެސް ތަނެކެވެ. އަނެއްކޮޅުން އެއީ ކުލަބެއްވެސް މެއެވެ. އެހެންނޫނަސް އަހަރެން ރޭނގަޑަކު ބޭރަކަށް ނުވެސް ނުކުންނަމެވެ. ވިޔަސް މިކޮޓަރީގައި އެކަނި އޮވެއޮވެ އަހަރެން މިވަނީ ބޯ ގޮވަން ކައިރި ވެފައެވެ. “އާދޭ ދާން. މަޖާވާނެ.” އިއްބެ ބާރު އެޅިއެވެ. “ތިހެން އަބަދު ކޮންޑޯގައި އޮންނަން ވެއްޖެއްޔާ މީހަކު މޮޔަވެސް ވެދާނެ.” އެއީ ތެދެކެވެ. އަހަރެން ހަމަ ރަނގަޅަށްވެސް މިވަނީ މޮޔަވާން ކައިރިވެފައެވެ. އަހަންނަށް އެއްޗެއް ނު ބުނެވެނީސް އޭނާ ބުންޏެވެ. “މިންނަވެސް ދާނެޔޭ. ކޫލްވާނެ. އަންނައްޗޭ.” “ނޭނގެ.” އަހަރެންނަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. މިޔަކީވެސް ކެތްކުރެވޭ ވަރުގެ ވޭނެއް ނޫނެވެ. އަހަރެން މިތަނަށް އައި އިރު އައީއަކީ ފަހަރެއްގައި ވެސް މިކަހަލަ ތޫފާނެއްގައި ޖެހޭނެ ކަމަކަށް ނޫނެވެ. މީހަކާ ހިތާވުމަކީ އަހަރެންގެ ހިތާ އެންމެ ދުރުގައި އޮތް ކަންތަކެވެ. އެކަމަކު އަހަރެން މިހިރަ ގެނބިގެން ދަނީއެވެ. ފުންމިން ނޭނގޭ ލޯބީގެ ކަނޑަކަށް ޣަރަގުވެގެން ދަނީއެވެ. ފޯނު ކަނޑައިނުލަނީސް މިންނަ ވާހަކަ ދައްކަންފެށިއެވެ. އެހެންކަމުން އަހަރެންގެ ހިތުން ބޮޑު ބުރައެއް ލުއިވެގެން ހިނގައްޖެއެވެ. އަހަރެން ދާން އެއްބަސްވެއްޖެއީމެވެ. އަހަރެން ތެޅިތެޅި އޮތް ހިތަކާއެކު ޓެކްސީއެއްގައި ބީޗްކެފޭއަށް ހިނގައްޖެއީމެވެ. އަހަރެން ހީކުރިވަރަށްވުރެން ޓެކްސީގައި ދާން އަގުބޮޑެވެ. އެެހެންޏާ އެމީހުން އަހަރެން ބަލައި އާދެއެވެ. މިރޭ އަހަރެން ބަލައި ނައީ ކީއްވެ ބާއޭވެސް ހިތަށް އެރިއެވެ. މި ދިޔަ ދެތިން ހަފްތާގައި އެހާ ހާލުގައި އުޅެވުނީމާ ކޮންމެ ގޮތެއް ވިޔަސް އަހަރެން ބޭނުންވީ ދާށެވެ. ފޫހިވުމަކީވެސް ކެތް ނުކުރެވޭ ވަރުގެ ކަމެއްކަން މިހާރު އަހަންނަށް އެނގިއްޖެއެވެ. އެއީ ފަނޑު ކުލައަލިތަކުގެ މާހައުލެކެވެ. މިއުޒިކާއި ގައިގޯޅިކަމުގެ ހާއްޔެކެވެ. ހިމޭންކަމާއި ލޯތްބާއި މަސްތުކަމުގެ ވެސް ދުނިޔެއެކެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދަނީ މި ހިތްގައިމު މަންޒިލުގައި ވިކާޝްއާ ބައްދަލުވީމާ ވާނެ ގޮތަކާ މެދުގައެވެ. މިރެއަކު އޭނާގެ ތޫނު ބެލުންތަކާއި ހިތްގައިމު އިޝާރާތްތަކަކަށް އަހަންނަށް ކެތެއް ނުކުރެވޭނެއެވެ. އަދި އެހެންމީހަކު އޭނާގެ އަތުތެރެއަށް ލައިގެން މަލެއް ހެން ފޮޅުވާތަން ދެކޭކަށް ވެސް ކުޅަދާނައެއް ނުވާނެއެވެ. ދުވެދުވެ ވަރުބަލިވެފައި އޮތް އަހެއް ހެން އަހަރެން މާނޭވާލަމުން ދިޔައީމެވެ. އެކަމަކު ވިކާޝެއް ނައެވެ. ވިކާޝްގެ މަގާމުގައި އެރޭ ހުރީ އިއްބެއެވެ. ކޮންމެވެސް ސަބަބަކާހެދި މިންނަ އާ ވިކާޝްގެ ގުޅުން ކެނޑުނީއެވެ. އަހަރެން ހައިރާންވިއެވެ. އެކަމަކު ގަސްދުގައި އެވާހަކައެއް ނާހަމެވެ. މިރޭ މިންނަ އަހަންނާ މާދުރުހެލި ގޮތަކަށް އުޅޭކަންވެސް އަހަންނަށް ފާހަގަ ކުރެވުނެވެ. އަދި އޭނާ އުޅުނީ މާބޮޑަށް އިއްބެޔާ ގައިގޯޅިވެގެންވެސް މެއެވެ. އަހަރެން އަނެއްކާވެސް ބޭކާރުވީއެވެ. ނާއުންމީދުވީއެވެ. މާހައުލު ކިތަންމެ ހިތްގައިމަކަސް އުފަލެއް ނުލިބުނެވެ. މާމަލަށް މާބުރާބުރު ތިރިކުރަމުން ދެއެވެ. ހުސް މަލަކަށް ފުރުސަތެއް ނުދީއެވެ. އިސާހިތަކު އަހަރެންގެ ގާތަށް ވެސް ދެ މާބުރެއް އަތުވެއްޖެއެވެ. ޑާންސަކަށް ދިއުމަށް ދައުވަތު ދެމުންނެވެ. ނެށުމަކީ އަހަންނަކަށް އާ ކަމެއް ނޫނެވެ. ސްކޫލު ދުވަސްވަރުގައި ވަރަށް ކުރިކަމެއް ވެސް މެއެވެ. ލަވަ މުބާރާތުން ދެވަނަ ވެސް އެއްފަހަރު ލިބުނެވެ. އެހެންނަމަވެސް އަހަރެން ގަސްތު ކުރީ ނުދިއުމަށެވެ. މިންނަޔާއި އިއްބެ ނަށައި ނަށައި ވަރުބަލިވެގެން އަހަރެން އިންތަނަށް އަތުވެއްޖެއެވެ. އައި އިރު އައީ އަހަންނަށް ވެސް ޑްރިންކެއް ހިފައިގެންނެވެ. އަހަރެންވެސް އިނީ ފެންބޮވައިގެންފައެވެ. އެއީ ކޯކެއް ނުވަތަ ޕެޕްސީއެކެވެ. އަޑުތަކާއި ނިވިދިއްލޭ އަލީގެ ތެރޭގައި އިސާހިތަކު އަހަރެންގެ ބޮލަށް ނޭނގޭ ކަހަލަ އެނބުރުމެއް އަރައިފިއެވެ. މާހައުލު މާ ބޮޑަށް ހިތްގައިމުވެއްޖެއެވެ. ސިކުނޑިއަށް ލުއިކަމެއް ލިބިއްޖެއެވެ. އެހެންކަމުން ނަށައިލުމަށް ލިބުނު އަނެއް ފުރުސަތު އަހަރެން ދޫކޮށެއް ނުލަމެވެ. ނިކަން ގަޔާވެގެން އަހަރެންވެސް ނަށަން އަރައިފީމެވެ. އަހަރެން ނަށާތަން ބަލަން މިންނަމެންވެސް ތިއްބެވެ. އެންމެ ފަހުން އިއްބެވެސް އަހަންނާ އެކު ނަށަން އަތުވެއްޖެއެވެ. އަހަރެންގެ ޚިޔާލެއް ވެސް ނެތެވެ. އަހަރެން ބޭނުންވަނީ ހަމަ ނަށާށެވެ. މަޖާކޮށްލާށެވެ. މި ހިތްގައިމު ވަގުތުކޮޅު މިގޮތަށް ދަންމާލާށެވެ. ނަށާނަށައި ވަރުބަލިވުމުން އަނެއްކާވެސް ތިންމީހުން ޑްރިންކަކާ ދިމާއަށް އަތުވެއްޖެއީމެވެ. މި ފަހަރު އެމީހުން ގެނައީ ޒެޕަލް ކަހަލަ ޑްރިންކެކެވެ. އެއީ ކޮން އެއްޗެއްތޯއެއް ވެސް އަހަރެން ނާހަމެވެ. އެހެނީ މިވަގުތު އަހަރެން ވަނީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފައެވެ. އަހަންނަކަށް ކަންކަމަކާ މާ ބޮޑަކަށް ވިސްނައެއް ނުލެވެއެވެ. އަހަރެން އެތަށި އެއްކޯވަރުން ކަހަލަ ގޮތަކަށް ބޮއިފީމެވެ. ވަގުތުން އަހަރެންގެ ކަރު ހިއްކުން ފިލައިފިއެވެ. ހައްދެއް ނެތް މިންވަރަކަށް އުފާވެއްޖެއެވެ. އިރުކޮޅަކުން އިއްބެ ސިގްރެޓެއް ރޯކޮށްލައިފިއެވެ. އެއަކީ އެތާނކު އާކަމެއް ނޫނެވެ. އޭރު މިންނަ އިނީ އިއްބެޔާޖެހި ފިތި ބާރުވެގެންނެވެ. އިއްބެ ރޯކޮށްލި ސިގްރޭޓު މިންނައަށް ދިއްކޮށްލުމުން އެ ސިގިރޭޓުން އޭނާ ޕުލެއް ޖަހައިލިއެވެ. އަހަރެން އަނެއްކާވެސް ޑްރިންކެއް ބޭނުންވެއްޖެއެވެ. އިއްބެ ގޮސް އަނެއްކާވެސް ޑްރިންކެއް ގެނަސްފިއެވެ. މިފަހަރު އޭނާއައިސް އިށީނީ އަހަންނާ ޖެހިގެންނެވެ. އަހަންނަށް މިހާރު ހެވެވެ. މިރޭ ހަމަ އުފާކޮށްލަން އަހަރެން ބޭނުންވަނީއެވެ. އިއްބެ އަހަރެންގެ ތުންފަތުގައި އެ ސިގްރޭޓް ޖައްސާލިއެވެ. އަހަރެން ދުވަހަކުވެސް ސިގްރޭޓެއްގައި ލާ ރަހައެއް ނުބަލަމެވެ. މިވަގުތު ޕުލެއް ޖަހާލަން އަހަރެން ބޭނުންވީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގުނެވެ. ދުންތައް އަރުތެރެއަށް ދިއުމުން ފުރަތަމަ ކޮށިއެރިއެވެ. އެހެންނަމަވެސް އަދި އެއް ޕުލް ޖަހާލާ ހިތް ވިއެވެ. އިއްބެ ސިގިރޭޓެއް ނަގާ ރޯކޮށްލާފައި އަހަންނަށް ދިނެވެ. ދެން އޭނާ މިންނަ ގާތަށް ޖެހިލައި އޭނާނަގައި އުނގަށްލައި ބޮނޑިކޮށްފިއެވެ. އެއީ އަހަރެންގެ ހަޔާތް ބަރުބާދުވުމުގެ ފެށުމެވެ. އަހަރެންގެ އަތުތެރޭން އަހަރެންގެ ހަމަ ވިސްނުމާއި ބުއްދީގެ ލަގަން ދޫވެގެން ހިނގައިދާނެޔެކޭ އަހަރެން ކުޑަކޮށްވެސް ހިތަށް އަރާފައެއް ނުވެއެވެ. ދުނިޔޭގައި މީހުން ކިތަންމެ ނުބައި ކަންތަކެއް ކުރަމުން ދިޔަޔަކަސް އަހަރެން އެފަދަ ކަމެއްގެ ތެރެއަށް ވަދެފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެން މަގުން ކައްސުވާލައިގެން ގެންދެވޭނެ މީހަކު ނުހުންނާނެއެވެ. އަހަރެންގެ އަޒުމު އެހާ ގަދައެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އެހާ ވެސް ވަރުގަދައެވެ. ކިތަންމެ ވަރުގަދަ ދަންތުރައެއް މީހަކު ޖެއްސަސް އަހަރެން އެޔަކު ނުޖެހޭނެޔޭ އަހަރެން ހީކުރީމެވެ. އެކަމަކު މިއަދު އަހަރެން މީ ހެރޮއިން އެޑިކްޓެކެވެ. އަހަރެންގެ ދިރިހުރުން މިވަނީ ހެރޮއިންގެ އަޅަކަށް ވެފައެވެ. މަސްތުކަމުގެ އާލަމަކަށް އަހަރެން މިވަނީ ގެނބި ޣަރަގު ވެފައެވެ. މިވީ ދުވަސްކޮޅުތެރޭގައި އަހަންނަށް ނުކުރެވޭކަށް ހަޑިހުތުރު ކަމެއް ދުނިޔެމައްޗަކު ނެތެވެ. އިންސާނާގެ ނަފްސުގެ މައްޗަށް އޭނާގެ ފުރިހަމަ ބާރު ނުހިނގަޔޭ މީހުން އެބުނާ ބަސް މިއަދު އަހަރެން މިދަނީ ތަޖްރިބާ ކުރަމުންނެވެ. ހިތިކަމާއެކުގައެވެ. އަހަރެންގެ އަތުގައި ހުރި ފައިސާކޮޅު ހުސްވެއްޖެއެވެ. މާލޭން ފޮނުވާ ފައިސާ ދެދުވަހެއް ނުވެ ވަޔާއި އާތްވަށް އަރައިގެން ހިނގައިދެއެވެ. ޔުނިވަރސިޓީގެ ފީއެއް ނުދެއްކެއެވެ. ކޮންޑޯގެ އެޕާޓްމެންޓުގެ ކުއްޔެއް ނުދެއްކެއެވެ. އަހަރެންގެ ކިޔެވުން ޚަރާބުވެ ހިނގައްޖެއެވެ. އެދުވަހު އަހަރެންގެ އަތްމަތި ވަނީ މުޅީން ހުސްވެފައެވެ. ކާނެ ބޯނެ އެއްޗެއް ނެތެވެ. އިއްބެއަށް ގުޅީމަކާ އޭނަޔެއް ވެސް ފޯނެއް ނުނަގައެވެ. ނުވެސް އައެވެ. ސިގިރޭޓެއް ލިބޭނެ އެއްގޮތެއްވެސް ނެތެވެ. ހެރޮއިންއާ ނުލައި އަހަންނަކަށް ދިރިއެއް ނުހުރެވޭނެއެވެ. އެކަމަކު އެ ހޯދާނެ ގޮތެއް ނޭނގުނެވެ. އަހަރެންގެ މޭގަނޑު ނެގިނެގިފައި ޖެހެނީއެވެ. ދާހިއްލައި ފޯވަނީއެވެ. ހީކަރުވަނީ މޮޔަވެދާ ވަރަށެވެ. އަހަރެން ކޮޓަރިތެރޭގައި ކޮޅުކޮޅުމައްޗަށް ދުވުނީމެވެ. ގޮތް ހުސްގެން ތެޅިފޮޅުނީމެވެ. ހާސްވެގެން ގޮސް އެހެން ކޮޓަރިތަކުގެ ދޮރުތަކުގައި ތެޅީމެވެ. އަހަރެންނަށް ކުރެވޭ ނުކުރެވޭއެއް ނޭނގެއެވެ. އެއްފަހަރު ގޮސް ފުންމައިގެން އަރައި ފަންކާގައިވެސް އެލިގަތީމެވެ. އަތް ކަނޑައިގެން ދިޔަ ކަމެއްވެސް ނޭނގުނެވެ. ދެން ގޮސް ކުޑަދޮރު ހުޅުވާފައި ބޭރަށް ބޯކޮއްޕާލީމެވެ. ކައްސައިލާނެ ކަމަކަށް ވެސް ބިރެއް ނުގަތެވެ. އެއީ 9ވަނަ ފުލޯއެވެ. އެވަގުތު ހީވީ އެނބުރޭ ވައިރޯޅިއަކާއެކު އަހަރެން އެނބުރެމުން ސެނބުރެމުން ދަނީހެންނެވެ. ވީނުވީއެއް ނޭނގި އަހަރެންގެ ހޭވެރިކަން ފިލައިފިއެވެ. އަހަރެންނަށް ހޭލެވުނީ ހެނދުނާއެވެ. މުޅިތަނަށް އޮތީ ނޭނގޭ ބާވަތެއްގެ ހިމޭންކަމެއް އައިސްފައެވެ. އަހަރެންގެ ހަށިގަނޑު ވަނީ ލުއިވެފައެވެ. މުޅި މީހާ ވަނީ ގަނޑުވާވަރަށް ފިނިވެފައެވެ. އޭރުވެސް ކުޑަދޮރު ހުރީ އަހަރެން ރޭގައި ހުޅުވި ގޮތަށެވެ. މުޅިތަނަށް ވަނީ އާދަޔާ ޚިލާފު އަލިކަމެއް ފެތުރިފައެވެ. އޭރު އެމްބިއުލެންސާއި ފަޔަރާއި އަދި ޕޮލިސް އެދިމާ ތިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. މީހުން ބޮނޑިވަމުން ދިޔައެވެ. އެވާނީ މީހަކު އެއިމާރާތުން ވެއްޓިގެން އުޅެނީ ކަމަށެވެ. އަހަރެންވެސް އެތަނަށް ފައިބަންވެގެން ހިނގައިގަންނަން އުޅުނީމެވެ. ފަޔަކު ހަރަކާތެއް ނެތެވެ. އަހަރެން ހެދުންލާ އަލަމާރީގެ ލޯގަނޑާ ކަޅިއެއް އެއްލާލެވުނެވެ. އަހަރެންގެ ސޫރައެއް އެލޯގަނޑަކުން ނުފެނުނެވެ. ނިމުނީ.