މާލޭގައި ލޮކްޑައުން ހަރުކަށިކޮށް، ގެއިން ބޭރަށް ނުނިކުމެވޭ ގޮތް ހަދައި ހުރިހާ ފިހާރައެއް ބަންދު ކުރަން ނިންމާފައި އޮތް ކަމަށް ބުނެ މިހާރު ފަތުރަމުން ދަނީ ސައްހަ މެސެޖެއް ނޫން ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ އަދި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެންއީއޯސީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާނީ އެސެސް ކުރުމަށްފަހު އެފަދަ އިރުޝާދެއް ކަމާބެހޭ ފަރާތްތަކުން ދިނުމުން ކަމަށެވެ. މަބްރޫކް ވިދާޅުވީ އެފަދަ ކަމެއް ކުރުމުގެ މަޝްވަރާއެއް ސަރުކާރުން އަދި ކުރަމުން ވެސް ނުދާ ކަމަށެވެ.
“މާލޭގައި ލޮކްޑައުން ހަރުކަށިކޮށް، ގެއިން ބޭރަށް ނުނިކުމެވޭ ގޮތް ހަދައި ހުރިހާ ފިހާރައެއް ބަންދު ކުރަން ނިންމާފައި އޮތް ކަމަށް އެބަ ބުނޭ. އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން. އިތުރަށް ފިޔަވަޅެއް އަޅާނީ އެސެސް ކުރުމަށް ފަހު. މިކަމާ ގުޅޭ މަޝްވަރާތައް އެއްވެސް މޭޒެއްގެ މަތީގައި އަދި ސަރުކާރުގައި ވެސް މަޝްވަރާކޮށްފައެއް ނުވޭ،” މަބްރޫކް ވިދާޅުވިއެވެ.
މިފަދަ މެސެޖެއް ދައުރުވަމުން އަންނައިރު ރާއްޖެއެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ބަލިން ރަނގަޅުވެ، 751 މީހުންނަށް ފަރުވާ ދެމުން އަންނަކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ. ރަނގަޅުވި މީހުންގެ ތެރޭގައި 16 ދިވެހިންނާއި 13 ބިދޭސީން ހިމެނެއެވެ.
ކޮވިޑް 19 އާއި ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު ބަލި ޖެހުނު މީހަކު އައްޑޫ ސިޓީން ފެނުމާއެކު އައްޑޫ ސިޓީ ވެސް މިހާރު ވަނީ ފުލް ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައެވެ.