ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ކުޑަކުރުމުގެ ޚާއްސަ ޗެލެންޖެއް، ހެޕީ މާކެޓްގެ ސީއީއޯ، އަލީ އިހުސާން ފައްޓަވައިފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ‘އެގްޒެކެޓިވް ސެލެރީ ޗެލެންޖު’ގެ ނަމުގައި އިހުސާން މިއަދު ފެއްޓެވި ޗެލެންޖާއި ގުޅޭގޮތުން ވިދާޅުވީ އޭނާގެ މުސާރައިން 43% ކުޑަކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނުޖެހޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
I have agreed to cut my salary by 43% so some of my junior staff doesn’t have to. Now I challenge all Cabinet Ministers, Political Appointees, MPs and MDs of SOE’s to do the same. I especially invite Colonel Nazim @nazim7878 to accept this challenge. #executivesalarychallenge
— Ali Ihusaan (@ali_ihusaan) May 9, 2020
މީގެ އިތުރުން އިހުސާން ވަނީ ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށްވެސް މި ޗެލެންޖު ކުރައްވައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ މުސާރަ ކުޑަކުރުމަށް އިހުސާން ޗެލެންޖު ކުރައްވާފައި ވަނީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެވެ.
އިހުސާންގެ މި ޗެލެންޖު ޤަބޫލުކުރައްވައި ނާޒިމްވެސް ވަނީ އޭނާގެ މުސާރައިން 50% ކުޑަކުރުމަށް ނިންމަވައިފަ އެވެ. އަދި އެކަމަށް ނާޒިމް ދެން ޗެލެންޖު ކުރެއްވީ ރިޕަބްލިކް އިންޖިނިއާސް މޯލްޑިވްސްގެ އެމްޑީ، އަބްދުﷲ ޞާލިހެވެ. ޞާލިހުވެސް ވަނީ އެ ޗެލެންޖު ޤަބޫލު ކުރައްވައިފަ އެވެ.
I accept #executivesalarychallenge
from @ali_ihusaan to cut my salary by 50%.Now I nominate:
Republic Engineers Maldives’ MD, @ab_salih. https://t.co/FozevhuAr5— Col(rtd)Mohamed Nazim MP (@nazim7878) May 9, 2020
ސޯޝަލް މީޑިއާގައި އިހުސާން މިއަދު މި ފެއްޓެވި ޗެލެންޖަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށާއި، އެންމެ އާދައިގެ މުވައްޒަފުންނަށްވެސް މި ދަނޑިވަޅުގައި ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވުމަށް އިހުސާން ކުރައްވާ މަސައްކަތަށް ގިނަ މީހުން ދަނީ ސާބަސް ކިޔަމުންނެވެ.