English Edition
Dhivehi Edition
ކަސްޓަމްސްގެ ގުދަނުގައި ހަވާލުނުވެ ގިނަ ދުވަސްވެފައިވާ ޕެކޭޖެއްގެ ތެރެއިން 03 މެއި 2020 ވަނަ ދުވަހު ފެނުނު މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމްސް

ހަވާލުނުވެ ގިނަ ދުވަސްތަކެއް ވަންދެން ގުދަނުގައި ހުރި ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި ފެނިފައި ވަނީ ނައްތާލުމަށްޓަކައި ކާގޯ ގުދަނުން އެ މުދާތައް ނެރުނު މަރުޙަލާގައި މެއި 03 ވަނަ ދުވަހު ކަސްޓަމްސް އިން ބަލާފާސްކުރުމުގެ ތެރޭގައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިހަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 542 ގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 433،600ރ. އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.