English Edition
Dhivehi Edition

އައްޑޫ ސިޓީއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓް ވި ނަރުހުންނާއި ޑޮކްޓަރުން އައިސޮލޭޓް ކޮށްފައިވާ ކަމަށް އައޑޫ އިކެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާދާތު ވިދާޅުވީ ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 7 ޑޮކްޓަރަކާއި 10 ނަރުހުން މިހާތަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސާދާތު ވިދާޅުވީ ޕޮޒިޓިވްވި މީހާ ހޮސްޕިޓަލަށް ގެނެވުނީ އިއްޔެ ހެނދުނު ކަމަށެވެ. އަދި އެމީހާއަކީ ހިތުގެ ބަލި މީހެއް ކަމަށާއި އެމަރޖެންސީ އިން ފުރަތަމަ ބަލިމާހާއަށް ފަރުވާ ދެއްވީ ފިޒީޝަނެއް ކަމަށެވެ. އޭގެ އިތުރުން ކާރޑިއޮލޮޖިސްޓާއި އިތުރު ނަރުހުންވެސް ކޮންޓެކްޓވިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަން ސާދާތު ފާހަގަ ކުރެއްވިއެވެ.

ސާދާތު އިތުރަށް ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލްގައި އޮތްއިރު ޒިޔާރާތް ކުރުމުގައި ރެސްޓްރިކްޝަންތަކެއް އޮތް ކަމަށާއި ނަމަވެސް އެއާއި ހިލާފަށް ޒިޔާރަތް ކުރުމުގައި އަމަލު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބަލިމީހާ ފުރުވަން ވެސް މީހުން ދިޔަކަން ފާހަގަ ކުރެވިފައިވާކަން ސާދާތު ވަނީ ފާހަގަ ކުރައްވާފައެވެ

‘އަޅުގަނޑުމެން ވަރަށް ބޮޑު ރެސްޓްރިކްޝަނަކާއެކު އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. އެހެން ނަމަވެސް ބަލިމީހާގެ ބަލީގެ ގޮތުން ވަރަށް ގިނަ މީހުން ބޭނުން ވެގެން ދޭތެރެއަކުން އަޅުގަނޑުމެންގެ އެންގުމާ ހިލާފަށް ދޭތެރެއަކުން ވަދެފަ އައިސީޔޫ އަދި ވާރޑްގަވެސް ކޮންމެވެސް ވަރަކަށް މީހުން ތިބި.” ސާތު ވިދާޅުވިއެވެ

ސާދާތު ފާހަގަ ކުރެއްވި ގޮތުގައި ބަލިމީހާއާ ކޮންޓެކްޓްވި 26އަށްވުރެ ގިނަ ޕްރައިމަރީ ކޮންޓެކްޓެއް ވަނީ މިހާރު ގޭގައި އައިސޮލޭޓްވާން އަންގާފައެވެ. އަދި ޕްރައިމަރީ ކޮންޓެކްޓުންނާއި ބައްދަލުވި ސެކަންޑަރީ ކޮންޓެކްޓްތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މިވަގުތާ ޖެހުނުއިރު އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 26 އަށްވުރެ ގިނަ ކޮންތެކްޓުން ފާހަގަ ކުރެވިފަ އެބަހުރި ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި،” ސާދާތު ވިދާޅުވިއެވެ

އައްޑު ސިޓީން ކޮވިޑް 19ގެ ބަލިމީހަކު ފެނުމާއެކު އައްޑޫ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުން ކުރަން ނިންމާފައެވެ.