English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އަށް ވޮލަންޓިއަރުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އޭއީއޯސީގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އޭއޯސީގެ ވޮލަންޓިއަރަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

އެ ފޯމުގައި ބުނެފައިވާ ގޮތުން މަސައްކަތަށް ވަގުތު ދެވޭނެ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އެ ސެންޓަރުގެ ވޮލަންޓިއަރަކަށް ވެވިދާނެއެވެ.

އޭއީއޯސީ އަކީ އައްޑޫގައި ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން އުފައްދާފއިވާ ސެންޓަރެކެވެ. ކޮވިޑް-19 އާއި ގުޅިގެން އައްޑޫ އިން މިހާތަނަށް 46 ސާމްޕަލެއް ނަގާފައިވާއިރު، އެއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ނަމަވެސް މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން އައްޑޫ ސިޓީގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ނުދެވޭ ގޮތަށް އަވަށްތައް ބަންދުކޮށްފައިވާއިރު، އާންމު ވިޔަފާރީގެ ޚިދުމަތް ދިނުން މަނާކޮށް، ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދެވޭ ގޮތް ވަނީ ހަދައިފަ އެވެ.