English Edition
Dhivehi Edition
02 މެއި 2020 ވަނަ ދުވަހު ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ފޮނުވި އެހީގެ ތަކެތި ފްލައިޓުން އޮފްލޯޑްކުރަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ސަރުކާރާއި މަދަނީ ޖަމާޢަތްތައް އަދި ކުންފުނިތަކުން ރާއްޖެއަށް ހަދިޔާހުރި ޞިއްޙީ އާލާތްތައް މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއަދު ޗައިނާއިން ރާއްޖެއަށް ގެނައި އެހީގެ ތަކެތީގެ ތެރޭގައި 10 ވެންޓިލޭޓަރާއި، 209،080 ޑިސްޕޮސެބަލް ޕްރޮޓެކްޓިވް މާސްކާއި، 11،500 އެން95 ޕްރޮޓެކްޓިވް މާސްކުގެ އިތުރުން 20،000 ކޭއެން95 ޕްރޮޓެކްޓިވް މާސްކާއި، 50 އިންފްރާރެޑް ތާމޯމީޓަރާއި، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 500 ގޮގުލް އާއި 20 ފަރުވާދޭ އެނދުގެ އިތުރުން 10،000 ޓެސްޓިންގ ކިޓް ހިމެނެއެވެ.

އެކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މީގެ އެއްމަސް ދުވަސް ކުރިން ޗައިނާއިން ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްޚީ ސާމާނު, ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާ ކަމަށެވެ.

“މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެޤައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވަން. މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައި”، އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ފޮރިން މިނިސްޓަރ ވަނީ ޗައިނާގެ ރައީސް ޒީ އަށާއި, ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ރައްޔިތުންނަށް ޝުކުރު ދަންނަވައިފަ އެވެ.

“އަދި މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެއްވި ޗައިނާގެ ޖަމިއްޔާ ޖަމާޢަތްތަކަށާއި, ކުންފުނިތަކަށް, އެ ފަރާތްތަކުން ވެދިން މަދަދާއި ބެހެއްޓެވި ހެޔޮ ގާތްކަމަށްޓަކައި ހާއްސަ ޝުކުރެއް އަރިސްކުރަން. ޗައިނާ އެމްބަސަޑަރު ޒާންކް ލީ ޒޮންގް, ދިވެހި ރައްޔިތުންނާއި މެދު ޗައިނާއިން ބާއްވާ މިދެންނެވި އެކުވެރިކަމާއި އެއްބާރުލުން ފުރިހަމައަށް ތަމްސީލު ކޮށްދެއްވާ”، އެ ބަޔާނުގައި ވެއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން, އެގައުމުގައި ތިބި އަޅުގަނޑުމެންގެ އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ޗައިނީސް އެހީދޭ ޖަމިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތައް ހިމެނެއެވެ. މި ގޮތުން އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަން, ޗައިނާ މާރޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް, ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަން, ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑް, ޑޮންގފެންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން, ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް, ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް ހިމެނެއެވެ.

ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން މިގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިއަދުގެ ފްލައިޓް ޗާޓަރ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން އެފަރާތުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ކަމަށާއި، ރާއްޖޭގައި މިވަގުތު ތިއްބެވި ޖައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއި, އަދަބުވެރިކަމާއި އެކުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

“ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރިރަޙުމަތްތެރިއެކެވެ. ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރަން. މިއީ އުނދަގޫ ދަތުރެއް. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތް.”، އެ ބަޔާނުގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.