English Edition
Dhivehi Edition
2018 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގެ ތެރެއިން - ފޮޓޯ: ޕޮލިސް

މާދަމާ އިން ފެށިގެން އައްޑޫ ސިޓީގައި މޫވްމަންޓް ޕާމިޓް ދޫކުރުމުގެ މަސައްކަތް ކުރާނީ ފުލުހުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގެ ހުއްދަ (މޫވްމަންޓް ޕާމިޓް) ދިނުމުގެ މަސައްކަތް މެއި 03 ވާ އާދިއްތަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަމަށެވެ.

އަދި މޫވްމަންޓް ޕާމިޓް ހޯދުމަށް އެދޭ ފޯމް https://www.police.gov.mv/permit/ މި ލިންކް މެދުވެރިކޮށް ފުރޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މިއަދާއި ހަމައަށް އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުމުގެ ހުއްދަ ދޫކުރަމުން އައީ އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ) އިންނެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝަދާއި އެއްގޮތަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާކޮށްފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކުގައި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދާންޖެހޭ ފަރާތްތަކަށް އެކަން ވަނީ ފަހިކޮށްދީފަ އެވެ.