އައްޑޫ ސިޓީ ކައުންސިލާއި އުގެއިލް ފައުންޑޭޝަނުން ގުޅިގެން އައްޑޫގައި ޑެލިވަރީ ސިސްޓަމެއް ޤާއިމްކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އާންމު އެންގުމެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އައްޑޫ ސިޓީ ލޮކްޑައުން ހާލަތަށް ގެނެސްފައިވާތީ، އާންމު ރައްޔިތުންނަށް ކާބޯތަކެތި އަދި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުގައިލް ފައުންޑޭޝަން އިން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އޯޑަރ/ޑެލިވަރީ ސިސްޓަމެއް ޤާއިމްކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ޑެލިވަރީ ހުއްދަ ދޫކުރެވިފައިވާ ހުރިހާ ވިޔަފާރިތަކަށް އެ ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދިނުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
އަދި އެ ސިސްޓަމަށް ރަޖިސްޓަރވުމުގެ މަޢުލޫމާތު އަދި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ޚާއްސަ ސެޝަނެއް އުގައިލް ފައުންޑޭޝަންގެ ސަޕޯޓް ޓީމުން ވިޔަފާރިތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ސެޝަން ކުރިއަށް ގެންދެވޭނީ ކޮންމެ ވިޔަފާރިއަކަށް ވެސް ވަކިވަކިން ވަގުތު ދެވިގެންން ކަމަށްވެސް ކައުންސިލުން ބުނެއެވެ.
އެހެންކަމުން ސެޝަންތަކުގެ ވަގުތު ކަނޑައެޅުމަށް ވިޔަފާރިތަކަށް އެ އިދާރާއިން ގުޅައި އެކަން ހަމަޖެއްސުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
އެ ސިސްޓަމާބެހޭ އިތުރު މަޢުލޫމާތު އުގެއިލް ފައުންޑޭޝަންގެ ހޮޓްލައިން ނަންބަރު 7259034 އަށް ގުޅައިގެން ސާފުކުރެވޭނެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރޔ 05:00 އިން ފެށިގެން އައްޑޫގައި ޢާންމު ވިޔަފާރީގެ ޚިދުމަތްތައް ދިނުން މަނާކޮށްފަ އެވެ. އެހެންކަމުން މިހާރު އައްޑޫގެ ފިހާރަތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތެވެ.