English Edition
Dhivehi Edition
ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައިކަމަށްވާތީ ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރަން ނިންމައިފިއެވެ.

ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

އެ އެންގުމުގައި ބިދޭސީ މަސައްކަތްތެރީން ކަރަންޓީނުކުރާނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ.

 

  • މާލެ ސަރަހައްދުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް ބިދޭސީން
  • މާލޭގައި ފުލުހުން މޮނީޓަރުކުރަމުންދާ ކުއާޓަރުތަކުގައި އުޅޭ ބިދޭސީން
  • ކޮވިޑް19އަށް ޕޮޒިޓިވްވި މީހަކާ ސީދާ އަދި ނުސީދާކޮށް ބައްދަލުވެފައިވާ ބިދޭސީން
  • ކޮވިޑް19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ބިދޭސީން

މާލެ ސަރަހައްދުގައި ވަޒީފާއަދާކުރާ ވަކިތަނެއް ނެތި ނުވަތަ މާލެ ސަރަޙައްދުގައި ދިރިއުޅޭނޭ ވަކި ތަނެއް ކަނޑައެޅިފައި ނުވާ ބިދޭސީ މަސައްކަތްތެރިން، އެމީހުން އެކަހެރިކޮށް މޮނިޓަރކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ އެމީހުންގެ މެދުގައި އެބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ފެންނާތީ އެޗްޕީއޭއިން ކަނޑައަޅާތަނެއްގައި ކަރަންޓީނުކުރުމަށް ވަނީ ނިންމާފައެވެ.

 

އަދި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސާރވިސް އިން މޮނިޓަރކުރަމުންދާ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަކީ ކޯވިޑް-19އަށް މިހާރު ޕޮޒިޓިވްވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުގައިވާތީ، މިއެންމެން އެޗްޕީއޭއިން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ސިދާ ގޮތުން ނުވަތަ ނުސީދާގޮތުންނަމަވެސް ދިމާވެފައިވާ އެންމެހައި ބިދޭސީންގެ ތެރެއިން ކޯވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޯވިޑް-19ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީންވެސް އެޗްޕީއޭއިން ކަނޑައަޅާތަނެއްގައި ކަރަންޓިން ވުމަށް ވަނީ އަންގަވާފައެވެ.

އަދި މިހާލަތްތަކަށް ނުފެތޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކޯވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ކޯވިޑް-19ގެ ނުރައްކަލެއް އޮތްކަމަށް ޤަބޫލުކުރެވޭ އެންމެހައި ބިދޭސީ މަސައްކަތްތެރިންވެސް އެޗްޕީއޭއިން އަންގާ ތަނެއްގައި ކަރަންޓީން ވުމަށް ވަނީ އަންގަވާފައެވެ.

މިހާތަނަށް ރާއްޖެއިން 491 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިިރު އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ.