އެސްޑީއެފްސީން ރާއްޖޭގެ މީޑިއާތަކަށް “ކޮވިޑް19 ވިޔަފާރި އެހީ މީޑިއާ ޕެކޭޖް” ގެ ނަމުގައި ލޯނު ދޫކުރުމަށް ހަމަޖައްސައިފިއެވެ.
އެކުންފުނިން މިއަދު އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން ކުރާ މަސައްކަތް ތަކުގެ ތެރެއިން މިހާރު ހިނގަމުންދާ މީޑިއާ ތަކަށް އަމާޒުކޮށްގެން މީޑިއާތަކަށް ޚާއްޞަ ލޯނެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.
މި ލޯނަކީ މިހާރު ހިނގަމުން ދާ މީޑިއާތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައި ދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން ތައާރަފް ކޮށްފައިވާ ލޯނެއް ކަމަށް އެސްޑީއެފްސީން ބުނެއެވެ، އެގޮތުން މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 4 ޕަސަންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން 6 އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށް ކަމަށް އެފަރާތުން ބުނެއެވެ. އަދި މި ލޯނުގެ ޝަރުތު ތަކުގެ ތެރޭގައި މި ހާލަތާއި ގުޅިގެން އަދި ލޯނުގެ އެހީދޭ މުއްދަތުގެ ތެރޭގައި އެއްވެސް އެ ވިޔަފާރީގައި ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުން ހިމެނެއެވެ.
އަލަށް ތައާރަފް ކުރެވުނު މި ލޯނުގެ ސަބަބުން، މިހާރު ހިނގަމުން ގެންދާ މީޑީއާތަކަށް ކޮވިޑް19 އާއި ގުޅިގެން ދިމާވާ މާލީ ދަތިތަކަށް ލުޔެއް ލިބި އެ މީޑިއާތައް ދެމެހެއްޓުމަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
މީޑީއާ ލޯނަށް އެދުމުގެ ފުރުސަތު މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.