ކީރިތި ޤުރްއާނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާންފުޅެވެ. އެކަނލާނގެ ވަޙީ ބަސްފުޅެވެ. ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވި މިމާތް ފޮތް އުނގެނި ދަސްކޮށް އެއަށް ޢަމަލު ކުރުމަށް ﷲ ވަނީ އަންގަވާފައެވެ. އަޅުގަނޑުމެންގެ ތެރެއިން ކީރިތި ޤުރްއާން އުނގެނި ދަސްކުރާ މީހުންނާއި އެނޫން މީހުންގެ ތަފާތު ބަޔާން ކުރައްވައި ވާރިދުވެފައިވާ ޙަދީޘްތައް ގިނަގުނައެވެ.
އޭގެތެރެއިން މާތްﷲ ރުއްސުންލެއްވި އަބޫ މޫސަލްއަޝްޢަރީ ރިވާ ކުރެއްވި ޙަދީޘާއި އޭގެ މާނަ ހިމަނާލާނަމެވެ.
عَنْ أَبِي مُوسَى الْأَشْعَرِيِّ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ الْقُرْآنَ مَثَلُ التَّمْرَةِ لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ وَمَثَلُ الْمُنَافِقِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ
أخرجه : البخاري 7/99 – 100 ( 5427 ) ، ومسلم 2/194 ( 797 ( 243 )
މިޙަދީޘްގެ މާނައަކީ :” ކީރިތި ޤުރްއާން ކިޔަވާ މުއުމިނެއްގެ މިސާލަކީ، ފޮނި ނިޔަދުރެއްގެ މިސާލެވެ. އޭގެ ވަސް މީރުވެފައި ރަހަވެސް ފޮނިވާނެއެވެ.
ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުއުމިނެއްގެ މިސާލަކީ، ކަދުރުގެ މިސާލެވެ. އޭގައި އެއްވެސް ވަހެއް ނުހުރެއެވެ. އަދި އޭގެ ރަހަ ފޮނިވާނެއެވެ.
ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުނާފިޤެއްގެ މިސާލަކީ، ގަނދަކޯޅީގެ މިސާލެވެ. އޭގެވަސް މީރުވެފައި އަދި އޭގެ ރަހަ ވަރަށް ހިތިވާނެއެވެ.
ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުނާފިޤެއްގެ މިސާލަކީ، ވިހަ ކެކުރީގެ މިސާލެވެ. އޭގައި ވަހެއް ރަހައެއް ނުހުރެއެވެ.
ކީރިތި ޤުރްއާން ފަރިތަ ކަމާއެކު ކިޔަވާ މީހާއެކޭ އެއްފަދައިން އުނދަގުލުން ނުފަރިތަކޮށް ކިޔަވާ މީހާއަށްވެސް މަތިވެރި ދަރަޖަތަކެއްވާކަން ޙަދީޘް ތަކުން ސާބިތުވެއެވެ.
މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެ ފާނުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވާ ގޮތުން ކީރިތި ޤުރްއާން އުނގެނި އެފޮތް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ފަރިތަކަމާއެކު ކިޔަވާ މީހާ ޤިޔާމަތް ދުވަހުން މަލާއިކަތުންނާއި އެކުގައި ވާއިރު ޤުރްއާން ކިޔެވުމުގައި ނުފަރިތަކޮށް ކޮށަކޮށައިގެން ކިޔަވާ މީހާއަށް ދެދަރަޖަ އިތުރު ކުރެވޭނެ ކަމުގައި ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ.
ކިހާ ބޮޑު ނިޢުމަތެއްތޯއެވެ. ހުރިހާ އެންމެންނަކީ ކަންކަން މޮޅަށް ކުރުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. ޤުރްއާން ކިޔެވުމުގައިވެސް އެންމެން އެއްހަމައެއް ނުވެސްވާނެއެވެ. ކީރިތި ޤުރުއާން ނުފަރިތަކޮށް ކިއުނުކަމުގައިވިއަސް އެފޮތް ދޫކޮށްނުލާ ގިނަގިނައިން ކިޔެވުމަށް އިސްލާމްދީން މިވަނީ ބާރު އަޅުއްވާ ހިތްވަރު ދެއްވާފައެވެ.
އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހެއްގެ ފުރަތަމަ 10 ގެ ދުވަސްތަކެވެ. ރަޙްމަތުގެ މި ދުވަސްތައް ހޭދަ ކުރަންވީ ކީރިތިޤުރްއާން ކިޔެވުމާއި ނަމާދު ކުރުމާއި ރޭ އަޅުކަމުގައެވެ.
ވަކިން ޚާއްސަކޮށް ކުރިމަތިވެފައި މިވާ ކޮވިޑް 19ގެ ބަލިމަޑުކަމުން އަޅަމެން މިންޖު ކުރައްވާތޯ ދުޢާ ދެންނެވުމުގައިވެސް ކީރިތި ޤުރްއާން ކިޔެވުން ގިނަ ކުރަންވީ ވަގުތަކީ މިއީއެވެ.
ޤުރްއާން ކިޔަވައި އުޅުމަށް ބާރު އަޅުއްވަމުން އެޤުރުއަނަކީ ޤިޔާމަތް ދުވަހުން ޝަފާޢަތްތެރިއެއްކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ވަނީ އުއްމަތަށް ދެއްވާފައެވެ. އަދިހަމައެއާއެކު މީސްތަކުންގެ ތެރެއިން އެންމެ މާތްމީހުންނަކީ ކީރިތިޤުރްއާން އުނގެނި އެފޮތް އަނެކުންނަށް އުނގަންނައިދޭ މީހުންކަމަށް ޙަދީޘް ތަކުގައި ވާރިދުވެގެން އައިސްފައި ވެއެވެ.
އެންމެ މާތް މީހުންގެ ލިސްޓުގައި ހިމެނުން މިއީ ކޮންފަދަ ބޮޑު ޝަރަފެއްތޯއެވެ. މިމަތިވެރި ޝަރަފް ލިބިގަތުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.
މަސްދަރު: ޑެއިލީޙަދީޘްއޮންލައިން