English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެމެރިކާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށްވުރެ އިތުރުވެއްޖެއެވެ.

އެގޮތުން، އެެމެރިކާ އިން އިއްޔެ އެކަނިވެސް 23 ހާހަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް އައިއިރު އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 55 ހާހަށް ވުރެ އިތުރުވެފައެވެ.

އަދި މުޅި އެމެރިކާ އަށް ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އުޅޭ ނިއު ޔޯކުން އެކަނިވެސް 3 ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވާއިރު، 22 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 139،422 މީހުން މުޅިން ރަނގަޅުވެފައިވާއިރު، 14،187 މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 3,088,384 މީހުން ޕޮޒިޓިވްވެފައިވާއިރު، ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިން މިހާތަނަށް އައިއިރު ރަނގަޅުވި މީހުންގެ އަދަދަކީ 935,218 އެވެ.