English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީން ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ މި ދުވަސްވަރު ގޭތެރެ ސާފުކުރުން ފަދަ މަސައްކަތްތަކުގައި ގޭގައި ދާއިމީކޮށް ދިރިއުޅެމުން އަންނަ ބިދޭސި މަސައްކަތު މީހާގެ އިތުރުން އިތުރު ބިދޭސީން ގެއަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ މިދުވަސްވަރު ހުރިހާ އެންމެން ގޭގައި ތިބޭ ތިބުމުގައި ގޭގައި ކުރަން ޖެހޭ އެފަދަ މަސައްކަތްތައް އަމިއްލައަށް ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ.

އައްޑޫސިޓީ މިހާރު ޕާޝަލް ލޮކްޑައުން އެއްގައި ވާއިރު މީގެ ކުރިން އޭއީއޯސީން ވަނީ އައްޑޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

“ގިނަ ބިދޭސީން ދިރިއުޅެމުން ދަނީ ގިނަ ބަޔަކު އެއްތަނެއްގައި ތޮއްޖެހިގެން. ގިނައިން ހުރީ މިފަދަ ތަންތަން. ސާފުތާހިރުކަމަށް ބަލާއިރުވެސް ވަރަށް ދަށްކޮށް ހުންނަ ތަންތަނުގައި ގިނަ މީހުން ދިރިއުޅެމުން ދަނީ. އޭގެ ތެރެއިން އެއްމެ ޕޮޒިޓިވް ކޭސް އެއް ފެނުނަސް ބަލި ފެތުރެން ފަސޭހަވެގެންދާނެ ” ސޯބެ ވިދާޅުވިއެވެ.

މީގެ އިތުރުން ސޯބެ ވިދާޅުވީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާ މީހުންވެސް ސައިޓުން ބޭރަށް ނުފޮނުވަށާއި އަދި އެތަނަށް އެމީހުންނާ ބައްދަލު ކުރުމަށް މީހުންނަށް ނާދެވޭ ގޮތް ހެދުމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށެވެ.

ރާއްޖޭގެ ވެރިރަށް މާލޭގައި ހަލުވި މިނެއްގައި ކޮވިޑް 19 ފެތުރެމުން އަންނަ އިރު މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސިންވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.